ޚަބަރު

އެއާޕޯޓް ސާވިސް ޗާޖު ނެގުން ހުއްޓާލައި، ޑިޕާޗާ ޓެކްސް ނަގަން ފަށައިފި

ރިފާ ހަލީލު

1

ރާއްޖޭގެ އެއާޕޯޓުތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް، ރެއިން ފެށިގެން ބޮޑުކޮށް ނަގަން ފަށައިފިއެވެ.

ރާއްޖޭގެ އެއާޕޯޓުތަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ އެއާޕޯޓް ސާވިސް ޗާޖު ނެގުން އިއްޔެގެ ނިޔަލަށް ހުއްޓާލައި އާ ޓެކުހެއްގެ ގޮތުގައި "ޑިޕާޗާ ޓެކްސް"ގެ ނަމުގައި އަގު ބޮޑުކޮށް ނަގަން ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހުއެވެ.

ރެއިން ފެށިގެން އަމަލު ކުރަން ފެށި މި ޑިޕާޗާ ޓެކުހާއެކު 2016 ވަނަ އަހަރުން ފެށިގެން ނަގަމުން ދިޔަ އެއާޕޯޓް ސާވިސް ޗާޖު (އޭޑީސީ) ނެގުން ހުއްޓޭނެއެވެ. އޭޑީސީ ނަގަމުން އައީ ހަމައެކަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ މީހުންގެ އަތުންނެވެ. އެކަމަކު ޑިޕާޗާ ޓެކްސް ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން، ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާނެއެވެ.

ޑިޕާޗާ ޓެކްސް ނެގުމުގައި ފްލައިޓުން ދަތުރު ކުރާ ކެޓަގަރީއަށް ބަލައި ޓެކްސް ނަގާ އަދަދަށް ބަދަލު ގެނެސްފައިވެއެވެ. އެ ބަދަލުގައި އިކޮނޮމިކް ކުލާހުގައި ދަތުރު ކުރާ ދިވެހީންގެ އަތުން މިހާރުވެސް ނަގަމުން އަންނަ އެއާޕޯޓް ސާވިސް ޗާޖާ އެއްވަރަށް ޑިޕާޗާ ޓެކްސް ނެގި ނަމަވެސް އެހެން ބައިތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އިކޮނޮމިކް ކުލާހުގައި ދަތުރު ކުރާ ދިވެހިންގެ އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 30 ޑޮލަރު، އަދި ބިޒްނަސް ކުލާހުން ދަތުރު ކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު އަދި ފަސްޓް ކުލާހުން ދަތުރު ކުރާ މީހުންގެ އަތުން 90 ޑޮލަރު ނެގުމަށް ނިންމާފައިވެއެވެ. އަދި ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 120 ޑޮލަރު ނަގާނެއެވެ. ނަމަވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދީން، ޑިޕާޗާ ޓެކްސް ނެގުމުން އިސްތިސްނާވާނެއެވެ.

ޑިޕާޗާ ޓެކްސްގެ ގޮތުގައި މިއަހަރު 769 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟