ޚަބަރު

16 އަހަރަށްފަހު އަނާރާ އަދާލަތު ޕާޓީން ވަކިވެވަޑައިގެންފި

އިބްރާހިމް ޒަކީ

ސޯޅަ އަހަރަށްފަހު އަދާލަތު ޕާޓީގެ މެންބަރުކަމުން ޑރ. އަނާރާ ނައީމު ވަކިވެވަޑައިގެންފިއެވެ.

އަދާލުޕާޓީން ވަކި ވެވަޑައިގެންނެވުމަށް އެދިވަޑައިގެން އެ ޕާޓިގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އަށް ޑރ. އަނާރާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، "އަޅުގަނޑު އަދާލަތު ޕާޓީގެ މެންބަރުކަމުން ވަކި ކޮށްދެއްވުމަށް އެދި ދަންނަވަން،" ކަމަށެވެ.

އޭގެ އިތުރުން "ވޭތުވެދިޔަ ދުވަސްތަކުގައި މަނިކުފާނާއި ޕާޓީގެ އެންމެހައި މެންބަރުންގެ ފަރާތުން އަޅުގަނޑަށް ލިބުނު އެހީތެރިކަމާއި އެއްބާރު ލުމަށް ނިހާޔަތަށް ޝުކުރު އަދާކުރަން،" ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޕާޓީން ވަކިވެ ވަޑައިގަންނަވާ ސަބަބެއް ޑރ. އަނާރާ ވިދާޅުވެފައެއް ނުވެއެވެ.

ޑރ. އަނާރާ ހިމެނިވަޑައިގަންނަވަނީ އަދާލަތު ޕާޓީގެ ފަރާތުން ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ފުރުއްވި މެންބަރަކަށެވެ.

އަދާލަތު ޕާޓީން އަނާރާ ވަކިވެވަޑައިގެންނެވިއިރު، އެކަމަނާއާ އެކީ އަދާލަތު ޕާޓީގައި މަސައްކަތް ކުރެއްވި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ވަނީ ކުރީން އެ ޕާޓީން ވަކިވެވަޑަގެންފައެވެ.

އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސްކަން ކުރެއްވި ޝިދާތާ ވަނީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމުގެ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ) އާ ގުޅިވަޑައިގެންފައެވެ.