ޚަބަރު

ޖޭޕީން މަހިބަދޫ ދާއިރާއަށް ވާދަކުރަން ސުނިލްއަށް ދިން ޓިކެޓު އަތުލައިފި

ޖުމްހޫރީ ޕާޓީން މަހިބަދޫ ދާއިރާއަށް ވާދަކުރަން އަހްމަދު ސުނިލްއަށް ދީފައިވާ ޓިކެޓު އަތުލައިފިއެވެ.

“ވަން އޮންލައިން”އަށް ކަށަވަރުވެފައިވާ ގޮތުގައި ސުނިލް އަތުން ޓިކެޓް އަތުލުމަށް އޭނާއަށް ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަންގާފައިވަނީ މިވަގުތު ހާލަތު ހުރި ގޮތުން ޓިކެޓު އަތުލާ ކަމަށެވެ.

ސުނިލް އަތުން ޖޭޕީން ޓިކެޓު އަތުލުމަށް ނިންމި ނަމަވެސް، ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން މަހިބަދޫ ދާއިރާއަށް ވާދަކުރަން އޭނާ ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޖޭޕީން ސުނިލް އަތުން ޓިކެޓު އަތުލާފައިވާ އިރު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަކުރާ ބައެއް ކެންޑިޑޭޓުންނަށް ދިން ޓިކެޓު ވެސް ވަނީ އަތުލައިފައެވެ. ނަމަވެސް މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޖޭޕީއާއި ޕީޕީއެމް އަދި ޕީއެންސީން ކޯލިޝަން ހަދަން ނިންމިކަން އެ ޕާޓީތަކުން ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.

މަހިބަދޫ ދާއިރާއަށް ޕްރޮގްސިވް ކޮންގްރެސް ކޯލިޝަނުން ވާދަކުރުމަށް ޓިކެޓު ދީފައިވަނީ މިހާރުވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވާ އަހްމަދު ޠާރިގު (ޓޮމް) އަށެވެ.

ޕްރޮގްރެސިވް ކޮންގްރެސް އިން މަތިވެރި ދާއިރާއަށް ވާދަކުރަން ޗެނަލް 13ގެ ނޫސްވެރިޔާ ލަޔާލް މަނިކަށް ދީފައިވާ ޓިކެޓު އަތުލާފައިވާ އިރު، ގެމަނަފުށި ދާއިރާއަށް ވާދަކުރަން ޓިކެޓު ދީފައިވާ މިހާރު ވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވާ ޖަމީލް އުސްމާނާއި ވިލިނގިލި ދާއިރާއަށް ވާދަކުރަން ޓިކެޓު ދީފައިވާ ޝަހީބު އިބްރާހީމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެންގެވުމުން ކުރިމަތިނުލާން ވަނީ ނިންމައިފައެވެ.