މި ސަރަހައްދުގެ ޓީމުތަކާ ދެކޮޅަށް ގިނަ މެޗުތަކެއް ކުޅެވިއްޖެއްޔާ ރާއްޖޭގެ ގައުމީ ކްރިކެޓު ޓީމުގެ މުސްތަގުބަލު ވެސް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވެފައިވަނީ އިންޑިއާގައި މަޝްހޫރުކަން ހޯދާފައިވާ ބައެއް ކުޅުންތެރިން އެކުލެވޭ ޓީމަކާ ދެކޮޅަށް ކުޅުނު މެޗުތަކުގެ ތެރެއިންނެވެ.
މޯލްޑިވްސް ފްރެންޑްޝިޕް ކްރިކެޓް ސީރީޒް 2019ގެ ތެރެއިން މިއަދު ކުޅުނު ފުރަތަމަ މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރިއަށްއޮތް ތަނުގައި މިކަހަލަ ގިނަ މެޗުތަކެއް ކުޅެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި މިކަހަލަ ގިނަ މެޗުތަކެއް އަޅުގަނޑުމެންނަށް އިންތިޒާމުކޮށްގެން މާލޭގައި ކުޅެވޭ ގޮތް ހަދާނަން. އަޅުގަނޑުމެންނާ އަވައްޓެރި ގައުމުތަކަކީ ކްރިކެޓުގައި އެންމެ ކުރީގައި ތިބި ގައުމުތައް. ސްރީލަންކާ ވިޔަސް، ޕާކިސްތާނު ވިޔަސް، ބަނގުލަދޭޝް ވިޔަސް، އެތިބީ ޓޮޕް ލެވެލްގައި. އެހެންވީމާ އެ ޓީމުތަކާ އެކު ރަނގަޅު މެޗުތަކެއް ކުޅެވިއްޖެއްޔާ ރާއްޖޭގެ ކްރިކެޓް މުސްތަގުބަލު ވަރަށް އުޖާލާ،" އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު މެންދުރުފަހު ކުޅުނު ދެވަނަ މެޗުގައި އިންޑިއާގެ ޓީމާ ދެކޮޅަށް ނުކުތީ ރައީސް ސޯލިހުގެ ޓީމެވެ. އެ ޓީމުގައި ރައީސް ސޯލިހުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ވެސް ފެނިގެންދިޔައެވެ.
ރައީސް ސޯލިހުގެ ޓީމާ ދެކޮޅަށް ނުކުތް ޓީމުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި އިންޑިއާ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިން ފެނިގެންދިޔައެވެ. އެގޮތުން 2003 އިން 2017 އަށް އިންޑިއާ ގައުމީ ޓީމަށް ކުޅުނު ޔޫވްރާޖް ސިންގް ފާހަގަކޮށްލެވެއެވެ. އިންޑިއާގެ ގައުމީ ޓީމުން ޔޫވްރާޖް މިހާރު ނުފެނުނު ނަމަވެސް، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ޓީމުތަކުން އޭނާ ފެނިގެންދެއެވެ.