ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަތިވެރި ދާއިރާއަށް ވާދަކުރުމަށް ޗެނަލް 13ގެ ނޫސްވެރިޔާ ލަޔާލް މަނިކަށް ދީފައިވާ ޓިކެޓު އޭނާގެ އަތުން އަތުލައިފިއެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ދިން ޓިކެޓު ލަޔާލް އަތުން އަތުލާފައިވާކަން "ވަން އޮންލައިން"އަށް ވަނީ ކަށަވަރުވެފައެވެ.
ލަޔާލް އަތުން ޓިކެޓު އަތުލާފައިވަނީ މަތިވެރި ދާއިރާއަށް ވާދަކުރުމަށް ތައްޔާރުވެ، އެ ދާއިރާގެ ރަށްތަކަށް ގޮސް ކެމްޕޭން ކުރާތާ ވެސް ދުވަސްތަކެއް ވެފައި ވަނިކޮށެވެ.
ލަޔާލް މިރޭ ކުރި ޓުވީޓެއްގައި ބުނީ މަތިވެރި ދާއިރާގައި ދިރިއުޅޭ އާންމު ރައްޔިތުންނާއި ޕީޕީއެމް އަދި ޕީއެންސީއަށް ނިސްބަތްވާ ލޮބުވެތި ރައްޔިތުން އޭނާއަށް ދެއްވި އެއްބާރުލުމާއި ލޯތްބަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށާއި އަބަދުވެސް އެ ދާއިރާއަށް ހިދުމަތްކޮށްދިނުމުގައި ދެމިހުންނާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެންގެވުމަށް ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރުމަށް ޖަމީލް އުސްމާން (ޖޭޔޫ) އާއި ޝަހީބު އިސްމާއިލް ވެސް ވަނީ ނިންމައިފައެވެ. މިހާރު ވެސް ގެމަނަފުށި ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ޖަމީލް އުސްމާނަށް އެ ދާއިރާއަށް ވާދަކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓު ލިބިވަޑައިގެންނެވި އިރު، ޝަހީބަށް ވަނީ ވިލިނގިލި ދާއިރާއަށް ވާދަކުރުމަށް އެ ކޯލިޝަނުގެ ޓިކެޓު ލިބިވަޑައިގެންފައެވެ.
އިތުބާރު ހުރި ފަރާތަކުން "ވަން އޮންލައިން"އަށް މައުލޫމާތުދެމުން ބުނީ ރައީސް ޔާމީންގެ އެންގެވުމާ އެއްގޮތަށް އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖަމީލް އުސްމާނާއި ޝަހީބު، ވާދަނުކުރައްވާނެ ކަމަށެވެ.