ޚަބަރު

ހިޔާނާތުގެ ފައިސާއެއް ލިބިފައެއް ނުވޭ، ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން: ވަގުތު

އަހުމަދު ޖައިޝަން

1

އެމްއެމްޕީއާރުސީ ހިޔާނާތުގެ އެއްވެސް ފައިސާއެއް "ވަގުތު" އަށް އަދި ވަގުތު މެނޭޖްމެންޓުގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށްވެސް ލިބިފައި ނުވާނެ ކަމަށް އެ މީޑިއާއިން ބުނެފިއެވެ.

ވަގުތު އޮންލައިން ނޫހުގެ ސީއީއޯގެ މަގާމުގައި ހުރި ބޭފުޅަކަށް އެމްއެމްޕީއާރުސީގެ ފައިސާ ދީފައިވާ ކަމަށް މީޑިއާއެއް ކަމަށްވާ "ޖަޒީރާ" ނޫހުން ވަނީ ބުނެފައެވެ.

އެ މީޑިއާއިން ބުނެފައިވާގޮތުގައި "ވަގުތު" އެމްވީގެ މިހާރުގެ ޗީފް އެގްޒެކިއުޓިވް އޮފިސަރ އަހުމަދު އިމްރާން / އަރޯމާގެ، ކ. ގާފަރުގެ އެކައުންޓަށް އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން 100،000 އެމެރިކާ ޑޮލަރު ވަނީ ޖަމާކޮށްފައެވެ.

ވަގުތު ނޫހުގައި 2014 އިން ފެށިގެން 2015 އަށް ސީއީއޯގެ މަގާމުގައި ހުންނެވީ ހަސަން އަބްދުﷲ ކަމަށް އެމީޑިއާއިން ބުނެއެވެ. އެއަށްފަހު ތިން ބޭފުޅަކު އެ މީޑިއާގެ ސީއީއޯއަށް ހުންނެވި ކަމަށާއި އިމްރާން ވަނީ އެ މަގާމުން މިދިޔަ އަހަރު އިސްތިއުފާ ދެއްވާފައި ކަމަށްވެސް ވަގުތުން ބުންޏެވެ.

ވަގުތު އޮންލައިން ހިންގާ ވަގުތު މީޑިއާ ޕްރައިވެޓް ލިމިޓެޑުން ބުނީ ޖަޒީރާ ނޫހުން ހަބަރު ޝާއިއު ކުރީ ހަގީގަތް އޮޅުވާލަން ކަމަށެވެ. އަދި އެކަން ފާހަގަކޮށް އެ ނޫހަށް ވަނީ ހަގީގީ މައުލޫމާތު ފޯރުކޮށްދީފައި ކަމަށް އެ މީޑިއާއިން ބުންޏެވެ.

އަދި ހަބަރު އިސްލާހު ކުރުމަށް އެންގުމުން ޖަޒީރާ އިން ވަނީ ކަންތައްތަކެއް ޝަރުތުކޮށްފައި ކަމަށް ވަގުތުން ބުންޏެވެ.

އެކަމާ ގުޅިގެން ވަގުތު ނޫހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖަޒީރާ ނޫހުގައި ހާމަކޮށްފައިވާ ހަބަރަކީ ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފަށް ޝާއިއުކުރި ހަބަރެއް ކަމަށާއި އެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

ވަގުތު ނޫހާ ގުޅޭގޮތުން މީސްމީޑިއާގައި ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވަގުތުގެ ގާނޫނީ ޓީމުން ދަނީ ތައްޔާރުވަމުން ކަމަށްވެސް އެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟