ދިވެހި މަސް ބޯޓެއް އިންޑިއާގެ ކޯސްޓުގާޑުގެ ބެލުމުގެ ދަށަން ގެންގޮސްފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަންސް އޮފިސަރ އިބްރާހީމް އާޒިމް ވިދާޅުވީ އެފަދަ މައްސަލައެއްގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވާ ކަމަށެވެ.
އެކަން ބަލައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބޭގޮތުގައި އެ ބޯޓު މަސްވެރިކަން ކުރަން ތިބީ ލަކްޝަދްވީޕްގެ ސުހޭލީ އަތޮޅުގައެވެ. ލަކްޝަދްވީޕް އަކީ އިންޑިއަން ޔޫނިއަން ޓެރިޓަރީއެކެވެ.
އަދި އެ ބޯޓު ވަނީ ލަކްޝަދްވީޕްގެ ކެޕިޓަކް ކަވަރައްޓި އަށް މިއަދު އިރު އޮއްސޭއިރު ގެންގޮސްފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފުން ބުނީ ފޮރިން މިނިސްޓްރީން އެކަން ބަލަމުން އަންނަ ކަމަށާއި އެމްއެންޑީއެފް ކޯސްޓްގާޑުން ވެސް ރާއްޖޭގެ އީއީޒެޑް އިން ގަވާއިދާ ހިލާފަށް އުޅޭ ބޭރުގެ މަސްބޯޓުތައް ފެނުމުން ހުއްޓުވައި، ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅަމުން އަންނަކަން ފާހަގަކުރާ ކަމަށެވެ. އަދި އިންޑިއާ އިން ދިވެހި މަސް ބޯޓު ހިފަހައްޓާފައިވަނީ އެ ގައުމުގެ ސަރަހައްދުގެ އެތެރެއަށް ވަދެފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖެއާއި އިންޑިއާއާ އޮތް އެކުވެރި ގުޅުމަށް ބަލާފައި އިންޑިއާގައި ހިފަހައްޓާފައިވާ ރާއްޖޭގެ މަސް ބޯޓު ދޫކޮށްލާނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ރާއްޖޭގެ މަސްވެރިކަން ކުރާ ދޯނި ފަހަރު އަވައްޓެރި ގައުމުތަކުގެ އިގްތިސާދީ ސަރަހައްދަށް ނުވަނުމަށް އެމްއެންޑީއެފް ކޯސްޓުގާޑުން ވަރަށް ބޮޑަށް ނަސޭހަތްތެރިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.