ޚަބަރު

ހުޅުމާލޭ ބިމުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަނީ

މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ކުރި އަމުރު, ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮށްފައިވަނީ މި މަހުގެ އަށްވަނަ ދުވަހުއެވެ. ނަމަވެސް އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ އެ ނިންމުމަށް އަމަލު ކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިމަހުގެ ނުވަ ވަނަ ދުވަހު އެދުނެވެ.

އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން މިމަހުގެ 16 ވަނަ ދުވަހު ނެރުނު ވަގުތީ އަމުރުގައި ވަނީ ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ބިމަކީ އެޗްޑީސީގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ދެ ބިންކަމާއި އެ ދެބިމަށް ހަދައިދީފައިވާ ރަޖިސްޓަރީން އެކަން އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން މާލޭ ސިޓީ ކައުންސިލުން ހުޅުމާލެ ރަޖިސްޓަރީ ބާތިލު ކުރުމަށް ނިންމާފައިވާ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށާއި މާލޭ ސިޓީ ކައުންސިލުގެ އެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ނުކުރުމަށް ކޯޓުން އަމުރުކުރިއެވެ.

މާލޭ ސިޓީ ކައުންސިލުގެ ތަރުޖަމާން މަރިޔަމް ޝިއުނާ މިއަދު "ވަން" އަށް ވިދާޅުވީ, ހުޅުމާލޭ ބިމުގެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު މި ހަފުތާ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފު ކުރަން ކައުންސިލުގެ ލީގަލް ޓީމުން ތައްޔާރުވަމުން އަންނަ ކަމަށެވެ.