މިދިޔަ އޮގަސްޓް މަހު ދައުރުވި ފަނޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލައިގައި ސަސްޕެންޑްކުރި ކުރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދުގެ ސަސްޕެންޝަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އުވާލައިފިއެވެ.
ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއެއް ފުލުހުން ހަދައި، އެ އޯޑިއޯތަކުގައިވާ އަޑުތަކުގެ ތެރެއިން އެއް އޯޑިއޯ ކުރިމިނަލް ކޯޓުގެ ގާޒީ ފާއިޒުގެ އަޑާ ދިމާވާކަމަށް ފުލުހުން ވަނީ ކަނޑައަޅައިފައެވެ. އެހެން ޖޭއެސްސީން ނިންމީ ގާޒީ ފާއިޒް 60 ދުވަހަށް ސަސްޕެންޑު ކުރުމަށެވެ. އޭނާ ސަސްޕެންޑް ކުރީ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
ގާޒީ ފާއިޒް ސަސްޕެންޑްކޮށްފައިވަނިކޮށް، މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑީޕާޓްމަންޓްއިން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ފޮރެންސިކް ކޭސް ރިޕޯޓެއް ފުލުހުން ޖޭއެސްސީއަށް ވަނީ ހިއްސާކޮށްފައެވެ.
ޖޭއެސްސީން މިރޭ ބުނީ އެ ރިޕޯޓުގައި މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން އެ އޯޑިއޯ ގައިވާ އަޑާއި ގާޒީ ފާއިޒްގެ އަޑާ ދިމާނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޭތަކެއް ނޫން ކަމަށެވެ. އަދި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެ ކަމަށް ގާޒީ ފާއިޒް، ތަހުގީގަށް ވިދާޅުވެފައިވާތީ އާއި މެލޭޝިއާއިން ފުލުހުންނަށް ލިބުނު ރިޕޯޓުގައި ލީކްވި އޯޑިއޯތަކުގައިވާ އަޑާ ދިމާ ނުވާތީ ގާޒީ ފާއިޒްގެ ސަސްޕެންޝަން އުވާލުމަށް މިއަދު ނިންމާފައިވާ ކަމަށެވެ.
ކުރިމިނަލް ކޯޓުގެ ގާޒީންތަކެއްގެ އޯޑިއޯއެއް ކަމަށް ބުނާ އެ އޯޑިއޯތަށް ލީކު ކޮށްލާފައިވަނީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. އެ އޯޑިއޯގައި ގާޒީ ފާއިޒް ކަމަށް ބެލެވުނު މީހާ ވާހަކަ ދައްކަވާފައިވަނީ ވޮޑުމުލާ ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި މައްސަލައިގައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅޭގޮތުންނެވެ.
އެ އޯޑިއޯގައި ރައީސް ޔާމީނަށް ހުކުމް ކުރީ ކޮންމެވެސް ވަރެއްގެ ނުފޫޒުތަކެއް އޮވެގެން ކަމަށާއި ހުކުމުގައި ސޮއިކުރީ "ސަވައިވް" ވާން ކަމަށް ވެސް އެ މީހަކު ވަނީ ބުނެފައެވެ. އަދި ރައީސް ޔާމީނަށް ހުކުމް ކުރީ، އެމަނިކުފާނުގެ މަސްލަހަތަށްޓަކައި ކަމަށާއި އެއީ ހުކުމް ނުކޮށްފި ނަމަ އެހެން ގޮތެއް ވެދާނެ ކަމަށްޓަކައި ކަމަށް ވެސް ވަނީ ބުނެފައެވެ.
އެގޮތުން ރައީސް ޔާމީނަށް "އޭނާ ދެރައެއް ނުދޭނެ" ކަމަށާއި އޭނާ މައްސަލަ ނިންމީ ރައީސް ޔާމީނާ އެއްކޮޅަށް ކަމަށެވެ. އަދި އެވާހަކަ އިތުރަށް ދައްކަން ބޭނުންނުވާ ކަމަށާއި 2023ގައި އެ ވާހަކަތަކުގެ ތަފުސީލު ހާމަކުރާނެ ކަމަށްވެސް އޯޑިއޯގައި ގާޒީ ފާއިޒުކަމަށް ބެލެވުނު ފަރާތުން ވަނީ ބުނެފައެވެ.