ފުލުހުން ރޭ މާލޭގައި ހަތަރު ގަޑިއިރުގެ ތެރޭގައި ޗެކުކުރި 154 އެއްގަމު އުޅަނދުގެ ތެރެއިން 134 އުޅަނދު ދުއްވަމުން ދިޔައީ ގަވާއިދާ ހިލާފަށް ކަމަށް ފުލުހުން ބުނެފިއެވެ.
ރޭގެ 9:00 އިން ފެށިގެން ދަންވަރު 1:00އާ ހަމައަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް މާލޭގައި ކުރިއަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަންގައި މާލޭގައި އުޅަނދުތައް ދުއްވަނީ ގަވާއިދުންތޯ ވަނީ ބަލައިފައެވެ.
އެކްޓިން ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި 154 އުޅަނދު ހުއްޓުވާ ފާސްކުރިއިރު ލައިސެންސަކާ ނުލައި 41 މީހަކު ސައިކަލު ދުއްވާފައިވާ ކަން އެނގުނު ކަމަށެވެ.
އޭނާ ވިދާޅުވީ ފާސްކުރި އުޅަނދުތައް ދުއްވި މީހުންގެ ތެރެއިން 21 މީހެއްގެ ލައިސެންސް ވަނީ ހިފަހައްޓާފައި ކަމަށެވެ.
އަދި 18 ސައިކަލެއް ޓޯކޮށްފައިވާ ކަމަށްވެސް އޭނާގެ ޓްވީޓުގައި ވަނީ ފާހަގަކުރައްވައިފައެވެ.