ޚަބަރު

ރައީސް މައުމޫން މެލޭޝިއާގެ ބޮޑު ވަޒީރު ޓުން ޑރ. މަހާތިރާ ބައްދަލުކުރައްވައިފި

އަހުމަދު ޖައިޝަން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް މެލޭޝިޔާގެ ބޮޑުވަޒީރު ޓުން ޑރ. މަހާތިރް ބިން މުޙައްމަދާ ބައްދަލުކުރައްވައިފިއެވެ.

ރައީސް މައުމޫން މެލޭޝިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައިވަނީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ފަރާތުންނެވެ.

އެމްއާރުއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ޓުން ޑރ. މަހާތިރް ރާއްޖެ ވަޑައިގެންނެވުމަށް އެދި ދެއްވި ދައުވަތުގެ ސިޓީފުޅެއް ރައީސް މައުމޫން ވަނީ ޓުން ޑރ. މަހާތިރްގެ އަތްޕުޅަށް އަރުވައިފައެވެ. ޓުން ޑރ. މަހާތިރު ވަނީ އެ ދައުވަތު ގަބޫލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހުގެ އެދިވަޑައިގަތުމުގެ މަތީން ދިވެހިންނަށް ދަތިވެފައިވާ ވިސާގެ މައްސަލަ ރައީސް މައުމޫން، ޓުން ޑރ. މަހާތިރާ ހިއްސާކުރައްވާފައިވާ ކަމަށް އެމްއާރުއެމް އިން ބުންޏެވެ. އަދި އެކަމުގައި ޑިޕްލޮމެޓިކް ޗެނަލްއިން މަސައްކަތްކޮށް އަވަސް ހައްލެއް ލިބިވަޑައިގަންނަވާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް މައުމޫން، ޓުން ޑރ. މަހާތިރް އަރިހުގައި ދަންނަވާފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި މިހާރު މިއޮތް ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމާއި އިސްލާހީ މަސައްކަތްތައް ރާއްޖޭގައި ކުރިއަށްދާކަން ރައީސް މައުމޫން ވަނީ ހިއްސާކުރައްވާފައެވެ.

ރައީސް މައުމޫން މެލޭޝިޔާއަށް ފުރާވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުއެވެ. މިދަތުރުފުޅުގައި ރައީސް މައުމޫންގެ އަރިހުގައި އެމްއާރުއެމްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަބްދުﷲ ކަމާލުއްދީނާއި އައިމިނަތު ނާދިރާ ބައިވެރިވެވަޑައިގެންނެވިއެވެ.