ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެންގެވުމަށް ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖަމީލް އުސްމާން (ޖޭޔޫ) އާއި ޝަހީބު އިބްރާހިމް ވާދަނުކުރުމަށް ނިންމައިފިއެވެ.
މިހާރު ވެސް ގެމަނަފުށި ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ޖަމީލް އުސްމާނަށް އެ ދާއިރާއަށް ވާދަކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓު ލިބިވަޑައިގެންނެވި އިރު، ޝަހީބަށް ވަނީ ވިލިނގިލި ދާއިރާއަށް ވާދަކުރުމަށް އެ ކޯލިޝަނުގެ ޓިކެޓު ލިބިވަޑައިގެންފައެވެ.
އިތުބާރު ހުރި ފަރާތަކުން "ވަން އޮންލައިން"އަށް މައުލޫމާތުދެމުން ބުނީ ރައީސް ޔާމީންގެ އެންގެވުމާ އެއްގޮތަށް އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖަމީލް އުސްމާނާއި ޝަހީބު، ވާދަނުކުރައްވާނެ ކަމަށެވެ.
ގެމަނަފުށި ދާއިރާއާއި ވިލިނގިލި ދާއިރާއަށް ވާދަކުރުމަށް އެމްޑީޕީންނާއި ޖުމްހޫރީ ޕާޓީން މިހާރު ވަނީ ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލުކޮށްފައެވެ. އެމްޑީޕީން ގެމަނަފުށި ދާއިރާއަށް އަހްމަދު ސައީދު ވާދަކުރައްވާ އިރު، ވިލިނގިލި ދާއިރާއަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާނީ ހާރޫން ރަޝީދެވެ.
ޖޭޕީން ގެމަނަފުށި ދާއިރާއަށް ވާދަކުރަން ޓިކެޓު ދީފައިވަނީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަލީ އާދިލްއަށެވެ. އަދި އެ ޕާޓީން ވިލިނގިލި ދާއިރާއަށް ވާދަކުރަން ޓިކެޓު ދީފައިވަނީ މިހާރު ވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ސައުދު ހުސައިނަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ސައުދު ފޯމު ހުށަހަޅާފައިވަނީ އަމިއްލަ ގޮތުން ވާދަކުރުމަށެވެ.