ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ހުރި ކަންބޮޑުވުންތަކާއި އެކަންތައް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅިގެން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ހިއްސާކޮށްފިއެވެ.
އަދަބިއްޔާތާއި ދިވެހި ބަހަށް ހިދުމަތް ކުރައްވާ ފަރާތްތަކުންގެ ހިޔާލުތައް މިނިސްޓަރު އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން އަށް ހިއްސާކުރައްވާފައިވަނީ އެކަމަށް ރޭގައި ބޭއްވި ފޯރަމެއްގައެވެ.
އާޓް ގެލެރީގައި ރޭގައި ކުރިއަށްދިޔަ އެ ފޯރަމްގައި އެ ފަރާތްތަކުންގެ ގިނަ ހިޔާލުތަކާއި ކަންބޮޑުވުންތަކެއް ވަނީ ހިއްސާކޮށްފައެވެ.
އެގޮތުން ބައެއް ފަރާތްތަކުން ވަނީ، ދިވެހި ބަހުގެ ޑިގްރީ ހާސިލުކޮށްގެން ނިކުންނަ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތުތައް ނުލިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި އިހުގައި އޮންނަ ފަދައިން މަދަރުސީ މާހައުލުގައި ބަހާއި އަދަބު ކުރިއަރުވާން ހުރި ފުރުސަތުތައް ހަނިކަމަށް ފާހަގަކޮށް ބައެއް ފަރާތްތަކުން ބުނީ އެ ކަންކަން ދިރުވައި އާލާ ކުރާން މަދަރުސާތަކުގައި އެކަމަށް ހާއްސަ ތަނެއް ހުންނަން ޖެހޭނެ ކަމަށެވެ.
އެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ އެ ދާއިރާއާ ގުޅޭ ވުޒާރާއެއް ސަރުކާރުން އުފެއްދެވުމަކީ ބަހާއި އަދަބިއްޔާތުގެ ދާއިރާއަށް އައި ދިރުމެއް ކަމަށާއި ދިވެހިބަސް ދިރުވައި އާލާކުރާން ކުރާ މަސައްކަތަށް ލިބުނު އެންމެ ބޮޑު އެއް ހިތްވަރު ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ އެންމެ ތުއްތު އިރުން ކުދީންގެ ކިބައިގައި ބަހުގެ ލޯބި އަށަގެންނެވުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށެވެ. އަދި އުނގަނައިދޭ ފަރާތްތަކުން ވެސް ދަރިވަރުން ބަހަށް ލޯބި އުފެދޭ ގޮތަށް ލޯތްބާއި ޝައުގު އިސްކުރައްވައިގެން ބަސް ކިޔަވައި ދެއްވުމަކީ އެ ކުދީންގެ ހިތްތަކުގައި ދިވެހިބަހަށް އޮންނަ ލޯބި ވެސް އިތުރުވާނޭ ކަމެއް ކަމަށް ޔުމްނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕްރީ ސްކޫލުގައި ކުދީންނަށް ދިވެހިބަހުން ކިޔަވައި ދެއްވުން ވަރަށް މުހިންމު ކަމަށާއި ޅަފަތުގެ ތައުލީމުގެ އިރުޝާދީ ބަހަކަށް މާދަރީބަސް ހެދުން ވެސް ވަރަށް މުހިންމު ކަމަށެވެ.