މާރާމާރީ

އައްޑޫގައި ހިންގި މާރާމާރީއާ ގުޅިގެން އިތުރު ބަޔަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅިގެން އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަރަދޫ ފޭދޫގައި ހިންގި މާރާމާރީއާ ގުޅިގެން ފަހުން ފުލުހުން ހައްޔަރުކޮށްފައިވަނީ ހަތަރު މީހެކެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރޭ ފޭދޫއިން ހައްޔަރުކުރީ 17 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއް އަދި 26 އަހަރުގެ މީހެއް ކަމަށެވެ. އެ މައްސަލައިގައި މިހާތަނަށް ވަނީ ޖުމްލަ ދިހަ މީހުން ހައްޔަރުކޮށްފައެވެ.

ރޭ ހައްޔަރުކުރި މީހުންގެ އިތުރުން މިހާރު ފުލުހުންގެ ހައްޔަރުގައި ތިބީ 17 އަހަރުގެ ދެ ކުއްޖަކާއި 18 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއް އަދި 21 އަހަރުގެ މީހެކެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގި މާރާމާރީގައި ޒަހަމްކޮށްލި ދެ ޒުވާނުންގެ ތެރެއިން އައްޑޫ ސިޓީ މަރަދޫ، ބޯޅަދަނޑިގެ، މުހައްމަދު އީވާންގެ ހާލު ސީރިއަސްވެގެން މާލެއަށް ގެނެސް، އައިޖީއެމްޗްގައި ދަނީ ފަރުވާ ދެމުންނެވެ. ހިތަދޫ ހޮސްޕިޓަލުގެ އޮފިޝަލެއް ވިދާޅުވީ އީވާންގެ ބޮލަށާއި މޭމައްޗަށް އަދި ބުރަކަށްޓަށް ހަމަލާ ދީފައިވާ ކަމަށެވެ.

އެ ދެ މީހުންނަށް ހަމަލާދީފައިވަނީ ވަޅިއާއި ކަތިވަޅި އަދި ފުރޯ ފަދަ ތަކެތި ބޭނުންކޮށްގެންނެވެ.