ޅ. މަޑިވަރުގައި ކުރެއްދޫ ހޯލްޑިންސް އިން ތަރައްގީ ކުރި އެއާޕޯޓަށް މާދަމާ ޓެސްޓް ފްލައިޓް ޖައްސަން ހަމަޖައްސައިފިއެވެ.
މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން މެނޭޖާ މޫސާ ވަސީމް މިރޭ "ވަން" އަށް ވިދާޅުވީ މަޑިވަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާނީ މާދަމާ ހެނދުނު 9:25 ގައި ކަމަށެވެ. އަދި ވިދާޅުވީ މޯލްޑިވިއަނުން މަޑިވަރަށް ދަތުރުކުރަން ފަށާނީ ރަސްމީކޮށް އެއާޕޯޓު ހުޅުވުމުން ކަމަށެވެ. ނަމަވެސް ހުޅުވަން ނިންމާފައިވާ ތާރީހެއް ހާމައެއް ނުކުރެއެވެ.
އެގާރަ މިލިއަން ޑޮލަރުގެ މަޑިވަރު އެއާޕޯޓު އަޅަން ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލު ކޮށްފައި ވަނީ 29 މެއި 2018 ގައެވެ. އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތް ކުރީ ޗާއިނާގެ ކުންފުންޏެއް ކަމަށްވާ ބީޔޫސީޖީ އިންނެވެ. އެ ކުންފުންޏަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ވެސް ކުރި ކުންފުންޏެކެވެ.
މަޑިވަރު އެއާޕޯޓް ވަކި މުއްދަތެއްގައި ހުޅުވަން މީގެ ކުރިން ދެ ފަހަރު އަންގާފައިވެއެވެ. ނަމަވެސް އެމުއްދަތުތައް ފަހަނަ އަޅައިގެން ދިޔަ އިރުވެސް އެއާޕޯޓް ހުޅުވިފައެއް ނުވެއެވެ.
މަޑިވަރު އެއާޕޯޓު ހުޅުވުން ލަސްވާތީވެ އެކަމާމެދު ސުވާލުކުރުމަށްމިދިޔަ މަހުގެ 25 ވަނަ ދުވަހު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުން މަޖިލީހަށް ހާޒިރު ކުރުމުން ވިދާޅުވީ ޑިސެމްބަރު މަހުގެ ތެރޭގައި އެއާޕޯޓު ހުޅުވާނެ ކަމަށެވެ. ނަމަވެސް ހުޅުވާނެ ތާރީހެއް ވިދާޅެއްނުވެއެވެ.