ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މި ފެބްރުއަރީ މަހުގެ 12 އިން 14 އަށް ސައުދީ އަރަބިއްޔާއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގަންނަވައިފިއެވެ.
މި ދަތުރުގައި ސައުދީ ސަރުކާރުގެ ބައެއް އިސް ފަރާތްތަކާ މިނިސްޓަރު ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން، ސައުދީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އިބްރާހިމް ބިން އަބްދުލްއަޒީޒް އަލްއައްސަފްއާ ވަނީ ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސައުދީއާ ދެމެދު އޮންނަ ގާތް އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާ ގުޅޭގޮތުން ދެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވައިފައެވެ. އަދި ދިވެހިންނަށް ސައުދީއަށް އެތެރެވުމަށް ވިސާ ހޯދުމުގައި، އަދި ވަކިން ހާއްސަކޮށް ހާއްޖާއި އުމްރާ ވިސާ ހޯދުމުގައި ލުއި ގޮތްތަކެއް ހޯދުމާ ބެހޭގޮތުން ކާމިޔާބު މަޝްވަރާތަކެއް ކުރެވުނެވެ. އަދި މީގެ އިތުރުން މާލޭގައި އިމާރާތްކުރެވެމުންދާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމާ ގުޅޭގޮތުން މިނިސްޓަރ ޝާހިދު ވަނީ ވާހަކަދައްކަވާފައެވެ. މިނިސްޓަރު އަލްއައްސަފް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި ސައުދީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ދެންނެވިއެވެ. މީގެ އިތުރުން މިނިސްޓަރު ޝާހިދުގެ ޝަރަފުގައި މިނިސްޓަރު އަލްއައްސަފް ވަނީ މެންދުރުގެ ފަރިއްކޮޅެއް އަރުވައިފައެވެ.
މި ދަތުރުގައި ސައުދީގެ މިނިސްޓަރ އޮފް ކޮމާސް އެންޑް އިންވެސްޓްމަންޓް ހިޒް އެކްސެލެންސީ ޑރ. މާޖިދް ބިން އަބްދުﷲ އަލް ގަސަބީއާ މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވައިފައެވެ. ސައުދީއާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ދާއިރާއިން އެއްބާރުލުންދީ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ މެދު ދެ މިނިސްޓަރުން މަޝްވަރާކުރެއްވިއެވެ. އަދި ސައުދީން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ ސްކޮލާޝިޕްތަކުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ބޭނުން ހިފުމާ ގުޅޭ ގޮތުންވެސް މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ދިވެހި ވިޔަފާރިވެރިންނާއި ސައުދީ ވިޔަފާރިވެރިންގެ މަހާސިންތާއެއް ރިޔާޟްގައި ބޭއްވުމާ ގުޅޭގޮތުންވެސް ދެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވައިފައެވެ.
މީގެ އިތުރުން ސައުދީގެ ޖެނެރަލް ސެކްރެޓޭރިއެޓް އޮފް ދަ ކައުންސިލް އޮފް މިނިސްޓަރޒްގެ އެޑްވައިޒަރު އަދި ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ ޗެއާމަން، އަހްމަދް ބިން އަޤީލް އަލް ޚަތީބްއާ މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވައިފައެވެ. އެގޮތުން ދިވެހި ސަރުކާރުން ހިންގަމުންގެންދާ އަދި ހިންގުމަށް މަޝްވަރާކުރެވެމުންދާ ތަރައްގީގެ މުހިންމު މަޝްރޫއުތަކުގެ މައުލޫމާތު ޗެއާމަން އަލް ޚަތީބް އާއި ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ އިސް ބޭފުޅުންނާ ހިއްސާކުރެއްވިއެވެ.
އަދި ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވިދާނެ ބައެއް ކަންކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން މަސްވެރިކަމާއި ހައުސިންއާ ގުޅޭ މަޝްރޫއުތައް ކުރިއަށްގެންދިއުމާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ލަސްވަމުންދާތީ، އެކަމާ ގުޅޭގޮތުން ދެބޭފުޅުން ވާހަކަފުޅުދައްކަވައި، އެ މަސައްކަތް އަވަސްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އިތުރު މަޝްވަރާތައް ކުރެއްވުމަށް އެފަންޑުގެ އިސް ބޭފުޅުންގެ ޓީމެއް އަންނަ ހަފްތާގެ ބުދަ ދުވަހު ރާއްޖެއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ސައުދީގެ ފިނޭންސް މިނިސްޓަރުގެ ނައިބު ހަމަދް ބިން ސުލައިމާން އަލް ބަޒައި އާ ވެސް މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި މިވަގުތު ހިނގަމުންދާ ބައެއް މަޝްރޫއުތަކާއި ކުރިއަށް ރޭވިފައިވާ ބައެއް މަޝްރޫއުތަކާ މެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ސައުދީން ދިވެހިރާއްޖެއާ މެދު ބަހައްޓަމުން އަންނަ ގާތް ރަހުމަތްތެރި ގުޅުމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.