ޚަބަރު

ފުރަތަމަ ފަހަރަށް ފުރަތަމަ ޓާމް ބަންދު ޑިސެމްބަރަށް! ދަރިވަރުން 23 ދުވަހުގެ ޗުއްޓީއަކަށް

އައިޝަތު ނިއުޝާ

2021-2022 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ބަންދުކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަހަރަށް ކަނޑައަޅާފައިވާ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މިއަދަކީ 2021-2022 ވަނަ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ފުރަތަމަ ޓާމު ކިޔެވުން ނިމޭ ދުވަހެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ޓާމު އޯގަސްޓް 10ގައި ފަށާފައިވާއިރު، މި ޓާމުގައި ކިޔަވައިދީފައިވަނީ 89 ދުވަހުއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 16ގައި ދެވަނަ ޓާމު ފަށަން ހަމަޖައްސާފައިވާއިރު، ދެ ވަނަ ޓާމުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ 111 ދުވަހުއެވެ. އެހެން ކަމުން ދަރިވަރުންނަށް މި ބަންދުގައި ލިބޭނީ 23 ގެ ޗުއްޓީއެކެވެ. އެއީ މާދަމާއިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 15 އަށެެވެ.

އަންނަ އަހަރު ޖެނުއަރީ 16ގައި ދެ ވަނަ ޓާމު ފަށަން ހަމަޖައްސާފައިވާއިރު، އެ ޓާމު ނިމޭނީ އަންނަ އަހަރުގެ ޖޫން މަހުގެ 30ގައެވެ. އަދި އަންނަ އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ސްކޫލްތަކުގެ އަހަރީ ޗުއްޓީ ފެށޭއިރު، އެއް މަސް ދުވަހަށްވުރެން ގިނަ ދުވަސް ދަރިވަރުންނަށް ޗުއްޓީގެ ގޮތުގައި ލިބެއެވެ.