އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަތީ އިއްޔެ އެ ރިޕޯޓު އާންމުކުރި ފަހުން ކަމަށް ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
އެ ރިޕޯޓު އެހެން ފަރާތްތަކެކޭ އެއްގޮތަށް ރައީސަށް ވެސް ފެނިވަޑައިގަތީ އިއްޔެ ކަމަށް ހޫދު ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ސޯލިހުގެ ތަރުޖަމާނު ހޫދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމްއެމްޕީއާރުގެ ކޮރަޕްޝަނާ ގުޅޭގޮތުން ނެރުނު ރިޕޯޓު ސަރުކާރުގެ އިސްވެރިންނަށް ވެސް ފެނިވަޑައިގަތީ އޭސީސީން އެ ރިޕޯޓު އާންމުކުރުމާއެކު ކަމަށެވެ.
"އެމްއެމްޕީއާރުގެ ކޮރަޕްޝަނާ ގުޅޭގޮތުން ނެރުނު ރިޕޯޓު ސަރުކާރުގެ އިސްވެރިންނަށް ފެނިވަޑައިގަތީ އޭސީސީން އެ ރިޕޯޓު އާންމުކުރުމުން އިއްޔެ. ރައީސަށް ވެސް އެ ރިޕޯޓުގައި ހިމެނޭ ބައިތައް ފުރަތަމަ ފެނިވަޑައިގަތީ އިއްޔެ،" ހޫދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
އިއްޔެ އޭސީސީން އާންމުކުރި 776 ސަފުހާގެ ރިޕޯޓުގައި އެސްއޯއެފްގެ އެކައުންޓުން ގިނަ ބަޔަކަށް ފައިސާ ފޮނުވާފައިވާ ކަމަށް ބުނެފައިވެއެވެ. އޭގެ ތެރޭގައި މަޝްހޫރު ބޭފުޅުންނާއި ބޮޑެތި ކުންފުނިތަކުގެ އެކައުންޓުތަކަށް ވެސް ފައިސާ ފޮނުވާފައިވާކަން ފާހަގަކޮށްފައިވެއެވެ.
އެސްއޯއެފް އިން ފައިސާ ފޮނުވި ފަރާތްތަކުގެ ތެރޭގައި ރައީސް ސޯލިހުގެ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހިމެނޭ ކަމަށް އެ ރިޕޯޓުން ބުނެއެވެ.
އޭސީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެސްއޯއެފްގެ އެކައުންޓުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ އިރު، އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވެއެވެ.