ހައްޖާއި އުމްރާއަށް ދަތުރުކުރާ ދިވެހިންނަށް އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމަށް ފޮރިން މިނިސްޓަރު ޝާހިދާއި ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ، ޑރ. މުހައްމަދް ސާލިހު ބިން ތަހެރް ބިންތިން މަޝްވަރާކުރައްވައިފިއެވެ.
މައްކާގައި އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ހައްޖާއި އުމްރާގެ އިންތިޒާމްތައް ހަމަޖެއްސެވުމުގައި ސައުދީ ސަރުކާރުން އިސްލާމީ އުއްމަތަށްޓަކައި ކުރައްވަމުންގެންދަވާ ބުރަ މަސައްކަތަށް ސައުދީގެ އިސްވެރިންނާއި ސަރުކާރަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
އެ ބައްދަލުވުމުގައި ހައްޖާއި އުމްރާއަށް ދަތުރުކުރާ ދިވެހިންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުންނާއި އިންތިޒާމުތައް އިތުރަށް ފުރިހަމަކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ މިނިސްޓަރުން މަޝްވަރާކުރެއްވިއެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާންގެ އިތުރުން ޚާރިޖީ ވުޒާރާއާއި ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.