މަގުމަތީގެ އެކްސިޑެންޓް

ބުރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 50 އަހަރުގެ މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބުރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 50 އަހަރުގެ މީހަކަށް އަނިޔާވެއްޖެއެވެ.

ބުރިޖުގައި މިއަދު މެންދުރުފަހު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ 50 އަހަރުގެ ފިރިހެނެކެވެ. އޭނާ ދުއްވި ސައިކަލަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދުއްވަމުންދިޔަ ސައިކަލެއް ކޮންޓްރޯލުން ނައްޓާލައިގެން ކަމަށާއި ސައިކަލް ދުއްވަން އިން މީހާއަށް ގިނަ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހާ ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލް ހިންގާ އާސަންދައިން ބުނީ އެކްސިޑެންޓުގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެނެސްފައިވަނީ 50 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ ކަނާތު ފަޔާއި ކަނާތު އަތް ބިންދައިގެން ގޮސްފައިވާ ކަމަށެވެ.

އާސަންދައިން އިތުރަށް ބުނީ އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށާއި މިހާރު އިތުރު ސްކޭންތައް ހަދަމުންދާ ކަމަށެވެ.