އަދާލަތު ޕާޓީއަކީ ހިފަން ޖެހޭ ކޮންމެ ކަމެއްގައި ރަނގަޅަށް ހިފައި، ދޫދޭން ޖެހޭ ކަމެއްގައި ރަނގަޅަށް ދޫދޭ ޕާޓީއެއް ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަދާލަތު ޕާޓީގެ ޓިކެޓުގައި މަކުނުދޫ ދާއިރާއަށް ވާދަކުރައްވާ އަނާރާ ނައީމްގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ މަޖިލިސް އިންތިހާބުގައި އަދާލަތުން އަށް ކެންޑިޑޭޓުން ނެރުމަށް ނިންމީ ސަރުކާރާ އެކުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.
"އަދާލަތު ޕާޓީއަކީ ކޮންމެ ކަމެއްގައި ވެސް ﷲ އިރާދަކުރެއްވިއްޔާ ހިފަން ޖެހޭ ތަނެއްގައި ރަނގަޅަށް ހިފައި، ދޫދޭން ޖެހޭ ތަނެއްގައި ރަނގަޅަށް ދޫދޭ ބައެއްކަން ސާބިތުކޮށްދިނުމަށްޓަކައި ސަރުކާރާ އެކުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން މިވަނީ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެންގެ ފަރާތުން އަށް ބޭފުޅުން ކުރިމަތިލުމަށް ނިންމައި، އެބޭފުޅުން ޓިކެޓް ދީފައި،" އަދާލަތު ޕާޓީގެ ރައީސް ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މަޖިލިސް އިންތިހާބުގައި އަދާލަތުން ފުރަތަމަ 13 ކެންޑިޑޭޓުން ނެރެން ނިންމީ ކޯލިޝަންގެ ފުރަތަމަ މަސައްކަތް ފެށުނު އިރު އަދާލަތަށް އޭރު އެއްބަސްވެވުނު ގޮތަށް އެ ހިއްސާ ހިމެނިގެންދާނެ ގޮތުގެ ތެރެއިން ކަމަށާއި އަދާލަތަކީ އަބަދުވެސް ސަރުކާރަށް ފަހި ގޮތްތަކެއް ފަހިކޮށްދިނުން އިސްކުރާނެ ޕާޓީއެއް ކަމަށެވެ.
"އަދާލަތު ޕާޓީއަށް ސަރުކާރު މުހިންމު. އަދި ސަރުކާރަށް ވެސް އަދާލަތު ޕާޓީ މުހިންމު. އިރާދަކުރެއްވިއްޔާ ސަރުކާރު ކުރިއަށްދާނީ އަދާލަތު ޕާޓީއާ އެކުގައި. އަދާލަތު ޕާޓީ ކުރިއަށްދާނީ ސަރުކާރާ އެކުގައި. މި އަމާޒަށް އަޅުގަނޑުމެން ވާސިލުވުމަށް މި ހުރިހާ މަސައްކަތެއް ކުރަމުންމިދަނީ،" އޭނާ ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ މަޖިލީހަށް ކުރިމަތިލުމުގެ މަސައްކަތް ކުރިއިރު އުންމީދުކުރަމުންދިޔައީ ކޯލިޝަންގެ ތެރެއިން އެންމެން އެކުގައި ނުކުމެ، އިންތިހާބުގެ ތެރެއަށް ވަނުމަށް ކަމަށާއި އެ އިންތިޒާމު ހަމަޖެހިގެން ނުދިއުމަކީ އެކަމަށްޓަކައި އަދާލަތު ޕާޓީން ދެރަވާ ކަމެއް ކަމުގައިވީ ހިނދުވެސް އެޕާޓީން މިއަދާ ހަމައަށްވެސް މަސައްކަތްކުރަމުންދަނީ ވީހާ ގާތުން ކޯލިޝަންގެ އެންމެހާ ބައިވެރިންނަށް އެންމެ ރަނގަޅު ފުރުސަތެއް ފަހިވެގެންދާނެ ގޮތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.