ހަ ރަށެއްގައި އެއާޕޯޓު އަޅައިދޭނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.
މިއަހަރުގެ ކުރީކޮޅު ފިނޭންސް މިނިސްޓްރީން ވަނީ ބ. ތުޅާދޫ އާއި ތ. ވިލުފުއްޓާއި ށ. ބިލަތްފަހީގެ އިތުރުން ހދ. މަކުނުދޫގައި އެއާޕޯޓް އަޅަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް ހުޅުވާލައިފައެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ހަތަރު ރަށުގެ އިތުރުން ފ. މަގޫދޫ އާއި ރ. އަތޮޅު ދެކުނުބިތުގައިވެސް އެއާޕޯޓް އެޅުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ރ. އަތޮޅުގައި އެއާޕޯޓް އަޅާ ވަކި ރަށެއް އަދި ކަނޑައަޅައިފައެއް ނުވެއެވެ.
މިނިސްޓްރީގެ އިއުލާނުގައި ވަނީ ރާއްޖޭގެ ހަ ރަށެއްގައި "ކްރޮސް-ސަބްސިޑީ" މޮޑެލްގެ ދަށުން 133 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)ގެ އަގުހުރި ޑޮމެސްޓިކް އެއާޕޯޓުތަކެއް ތަރައްގީކުރާނެ ނުވަތަ ތަރައްގީކުރަން މާލީ އެހީވާނެ ބަޔަކު ހޯދުމަށް ހުޅުވާލާ ކަމަށެވެ.
ކްރޮސް ސަބްސިޑީ އަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކެއްގެ މަތިން ހިންގާ މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކުން ދުރާލައި ކަނޑައަޅާފައިވާ އަދަދަކަށް އެ ފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެ މަސައްކަތް ކުރާ ކަމަށްޓަކައި، އެ މަސައްކަތުގެ އަގުގެ މުގާބިލުގައި ދައުލަތުން އެ ފަރާތަށް ދޭ އިނާޔަތެއްގެ ގޮތުގައި ނުވަތަ ލުޔެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅެވެ.
ކޮންމެ އެއާޕޯޓަކީ ވަކި މަޝްރޫއެއް ކަމަށާއި ޝައުގުވެރިކަން ފާޅުކުރުމުގައި ތަރައްގީ ކުރަނީ ނުވަތަ ފައިނޭންސް ކުރަނީ ކޮން އެއާޕޯޓު މަޝްރޫއަކަށް ކަން ބަޔާންކުރަންވާނެ ކަމަށެވެ. އަދި ޝައުގުވެރިކަށް ފާޅުކުރުމުގައި ހަމައެކަނި ފައިނޭންސް ކުރާނަމަ، އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިޔަން ޑޮލަރު ކަމަށްވެސް އިއުލާނުގައިވެއެވެ.
ޝައުގުވެރިކަށް ފާޅުކުރުމުގައި މުޅި އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ވެސް ހުށަހެޅޭނެއެވެ. އަދި އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓްގެ އަދަދު އެ މަޝްރޫއެއްގެ މުގާބިލުގައި ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓާއި އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި ކަނޑައިދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާނީ، އިކޮނޮމިކް މިނިސްޓްރީ އަށެވެ. އީމެއިލުން ނަމަ ފޮނުވާނީ [email protected] އަށެވެ.
ރ. އަތޮޅުގެ ދެކުނުބިތުގައި އެއާޕޯޓް އަޅަން ނިންމާފައިވާއިރު، ރ. އަލިފުށީގައި އެއާޕޯޓެއް ހެދުމަށް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ މަޝްރޫއަކީ 451 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެކަމާ ގުޅިގެން އެ އަތޮޅުގެ ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.
ރައީސް ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ފުއްސަރު ފަޅުގައި އެއާޕޯޓް އަޅަން އެ އަތޮޅު މަޑުއްވަރީ ކައުންސިލުން ހުށަހެޅިއެވެ. ރައީސް ސޯލިހު ވަނީ ރ. އަތޮޅުގެ ދެކުނު ބިތުގައި ވެސް އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މިދިޔަ އޮކްޓޯބަރު މަހު މަގޫދޫ ކައުންސިލާއެކު ރައީސް ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެއާޕޯޓް އަޅައިދިނުން އަވަސްކޮށް ރައީސްގެ އަރިހުގައި ދަންނަވައިފައެވެ. ރައީސް ވަނީ އެއާޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެފައެވެ.
މަގޫދޫގައި އެއާޕޯޓެއް އެޅުމަށް އެންމެ ފުރަތަމަ ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް 2016 ވަނަ އަހަރު އެ އަތޮޅުގެ ވެރިކަން ކުރާ ނިލަންދޫގައި އެއާޕޯޓް އަޅަން ނިންމިއެވެ. އެރަށުގައި އެއާޕޯޓް އެޅުމަށް ސާވޭގެ މަސައްކަތްތައް ކުރި ނަމަވެސް އެއާޕޯޓް އެޅުމުގެ މަސައްކަތް ކޮށްފައެއް ނުވެއެވެ.