ޚަބަރު

ރާއްޖޭގައި އިސްލާމްދީން ނޫން ދީނެއް ނޯންނާނެ، އެހެން ދީނަކަށް ފުރުސަތެއް ނުދެވޭނެ: ޒާހިރު

މަރިޔަމް ޝަހުދާ

1

ރާއްޖޭގައި އިސްލާމްދީން ނޫން ދީނެއް ނޯންނާނެ ކަމަށާއި އެހެން ދީނަކަށް ފުރުސަތެއް ނުދެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޒާހިރު މިހެން ވިދާޅުވެފައި ވަނީ ރޭ ހދ. މަކުނުދޫގައި އަދާލަތު ޕާޓީން މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެއްޓުމުގެ ގޮތުން މިހާރުވެސް މަޖިލީހުގައި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ޒާހިރު ވަނީ މިސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން އެއްވެސް ދީނަކަށް އެއްވެސް ޖާގައެއް ނުދިނުންކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޒާހިރު ވަނީ ދީން ދެމެހެއްޓުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުދިންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސެވުމަށްޓަކައި މިސްކިތްތަކުގައި ގުރުއާން ކްލާސް ހިންގުމާއި އިސްލާމިކް ރިސާޗް ސެންޓަރެއް ގާއިމް ކުރުމާއި ވަގުފްގެ ހާއްސަ ގާނޫނެއް އެކުލަވާލުމުގެ އިތުރުން ދިވެހިން ބޭނުން ކުރުމަށް ރާއްޖެއަށް އެތެރެ ކުރެވޭ އަދި ބޭރު ކުރެވޭ ތަކެއްޗަކީ ހަލާލް ސެޓިފައިޑް ތަކެތިތޯ ކަށަވަރު ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މިހާރުވެސް މިސްކިތްތަކުގައި ގުރުއާން ކްލާސް ހިންގުމުގެ މަސައްކަތް ކުރެވެމުން އަންނައިރު އަވަސް މުސްތަގުބަލެއްގައި މަކުނުދޫގެ މިސްކިތްތަކުގައި ވެސް ގުރްއާން ކްލާސްތައް ހިންގާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ހެދޭ ގާނޫނުތަކަކީ އިސްލާމް ދީނާ އެއްގޮތަށް ހެދޭ ގާނޫނުތަކެއްތޯ ކަށަވަރުކޮށް ދީނާއި ފުށުއަރާ އެއްވެސް ގާނޫނަކަށް އަދި އުސޫލަކަށް ރާއްޖޭގައި ޖާގައެއް ނުދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ އިސްލާމްދީނާއި ފުށުއަރާ އަދި ދެކޮޅު ވާހަކަ ދެއްކުމަށް މިސަރުކާރުން އެއްގޮތަކަށްވެސް ޖާގައެއް ނުދޭނެ ކަމަށާއި ހަމަ އެގޮތަށް އިސްލާމް ދީނުގެ ނަމުގައި ފިލާތިބެ މީހުންނަށް އިންޒާރުދީ އަދި މީހުންގެ މުދަަލަށް ގެއްލުންދީ ހެދުމަކީ ސަރުކާރުން އެކަމަށް ޖާގަ ދޭނެ ކަންކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟