ވަޒީރުންގެ މަޖިލީހުގެ މެމްބަރުކަމަށް ރުހުން ދިން މަރުހަލާގައި ވެސް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރައްޔިތުންގެ މަޖިލީހަށް އެންގި ކަމަށް މަހުލޫފު ވިދާޅުވެއްޖެއެވެ.
އެކަމާ ގުޅޭގޮތުން މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގައި އޭސީސީން ސުވާލު ނުކުރީ އެކަމުގައި އޭނާގެ ބައިވެރިވުމެއް ނެތީމަ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ވަޒީރުންގެ މަޖިލީހުގެ މެމްބަރުކަމަށް އަޅުގަނޑަށް ރުހުން ދިން މަރުހަލާގައި ވެސް އަޅުގަނޑުގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް އޭސީސީން ވަނީ މަޖިލީހަށް އަންގާފައި. މި މައްސަލައިގެ ތަހުގީގުގައި އޭސީސީން އަޅުގަނޑާ ސުވާލު ނުކުރީ އެކަމުގައި އަޅުގަނޑުގެ ބައިވެރިވުމެއް ނެތީމަ ކަމަށް ގަބޫލުކުރަން،" މަހުލޫފު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެސްއޯއެފްގެ އެކައުންޓުން ދޫކުރި ފައިސާގެ މައްސަލައިގައި ޔޫތު މިނިސްޓަރު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން ރައީސް ސޯލިހު މިއަދު ވަނީ އަންގަވައިފައެވެ.
އޭސީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެސްއޯއެފްގެ އެކައުންޓުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ އިރު، އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވެއެވެ.