ހެޔޮވެރިކަމެއްގެ ސިފަތައް މިސަރުކާރުގައި ޖެއްސުމަށާއި އެފަދަ އަމަލީ މަސައްކަތް ހާސިލް ކުރުމުގައި އަދާލަތު ޕާޓީން ފަހަތަކަށް ނުޖެހޭނެ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ޝިދާތާ މިހެން ވިދާޅުވީ މިރޭ ހދ. މަކުނުދޫގައި އަދާލަތު ޕާޓީން މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެއްޓުމުގެ ގޮތުން މިހާރުވެސް މަޖިލީހުގައި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ޝިދާތާގެ ވާހަކައިގައި ވަނީ މިސަރުކާރަކީ އަދާލަތު ޕާޓީގެ ބޮޑު ހިއްސާއަކާއި އެޕާޓީން ހުށަހެޅި ވައުދުތަކެއް ހިމެނޭ ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އާއި ޕާޓީގެ ލީޑަޝިޕުގެ ސަބަބުން ވަނީ މި ވައުދުތައް ތަންފީޒުކުރުމަށް ސަރުކާރުތެރޭ މުހިއްމު މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބިފައި ކަމަށް ޝިދާތާ ވިދާޅުވިއެވެ.
"އަދާލަތު ޕާޓީގެ ރައީސް އާއި ޕާޓީގެ ލީޑަޝިޕުގެ ސަބަބުން ވަނީ މި ވައުދުތައް ތަންފީޒުކުރުމަށް ސަރުކާރުތެރޭ މުހިއްމު މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބިފައި. މިގޮތުން އިސްލާމްދީން ކުރިއެރުވުމަށް މުހިއްމު ސިޔާސަތުތަކަކާއި، އަދި އަޅުގަނޑުމެންގެ އިޖްތިމާއީ ގޮތުން ރައްކާތެރި ކުރުމަށާއި އިގްތިސާދީ ގޮތުން ކުރިއެރުމަށްޓަކައި އަދާލަތު ޕާޓީގެ ފަރާތުން މެނިފެސްޓޯގައި ވަނީ ވައުދު ތަކެއް ހިމަނާފައި،" މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ މިހާރު މިތިބީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ މިސްރާބުގައި ކަމަށް ވެސް ވިދާޅުވެފައެވެ. މިގޮތުން ރާއްޖޭގެ ރައްޔިތުން ދިރިއުޅެމުން ދަނީ މިނިވަންކަމާއި ރާއްޖޭގެ ސިޔާދަތާއި އަދުލު އިންސާފުގެ އިތުރުން އިސްލާމް ދީން ގުރުބާން ނުކޮށް ތަރައްގީގެ ހަރުފަތްތަކާއެކު ކުރިއަށް ދާނެގޮތުގައި ކަން ޔަގީންކޮށްދޭން ބޭނުންވާކަމަށް ޝިދާތާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝިދާތާ ވަނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކުރުމަށް ލިބިފަިއވާ މިފުރުސަތުގެ ބޭނުން އަދާލަތު ޕާޓީން އެންމެ ރަނގަޅު ގޮތުގައި ހިފާނެކަމަށް ވިދާޅުވެފައެވެ.