ތިން އަހަރު ދުވަހު ފޮރުވާފައި ބޭއްވުމަށް ފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓު އިއުލާންކުރަންވީ މިއަދުތޯ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސުވާލު އުފައްދަވައިފިއެވެ.
ރައީސް އެކަމާ މެދު ސުވާލު އުފައްދަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ ޖީހާން މަހުމޫދުގެ ކެމްޕޭން ހަރަކާތެއްގައި މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިއްޔެ ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން ސަރުކާރުން ވެފައިވާ އެއް ވައުދު، ޒީރޯ ޓޮލެރަންސް އިފްތިތާހުކުރެވިފައިވާ ކަމަށާއި މި ސަރުކާރުން ކޮރަޕްޝަނަށް އެންމެ ޖާގައެއް ވެސް ނުދޭނެ ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް އަޑުއިވިގެން މިދިޔައީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓު، އޭސީސީން އިއުލާންކޮށްފައި. ސުވާލަކީ ގާތްގަނޑަކަށް ތިން އަހަރު، އެ ބަލައި ފޮރުވާފައި ބޭއްވުމަށްފަހު މިއަދުތޯ އެ އިއުލާންކުރަންވީ؟ އެހެންނަމަވެސް އަޅުގަނޑު ޔަގީންކަމާއެކު މިދަންނަވަނީ ހުރިހާ ފަރާތްތަކަކަށް، ކޮރަޕްޝަން ހުއްޓުވުމަށް މި ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެސްއޯއެފްގެ އެކައުންޓުން ދޫކުރި ފައިސާގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން ރައީސް ސޯލިހު މިއަދު ވަނީ އަންގަވައިފައެވެ.
އޭސީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެސްއޯއެފްގެ އެކައުންޓުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ އިރު، އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވެއެވެ.