އައްޑޫ ސިޓީ ފޭދޫގެ މިސްކިތަކަށް ބޮޑުކަމު ގޮސް، މިސްކިތުގެ ހުރުމަތް ކެނޑި މައްސަލައިގައި ހައްޔަރުކުރި މީހާއަކީ ނަފުސާނީ ބަލީގެ މީހެއް ކަމަށް ޑޮކްޓަރުން ލަފާދީފައިވާތީ އޭނާ ބަންދުން ދޫކޮށްލައިފިއެވެ.
ފޭދޫގެ މަސްޖިދުލް އަމާނީއާއި މަސްޖިދުލް ނަސްރީއަށް ގެއްލުންތަކެއް ދިން މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެމީހާ ވަނީ މަސްޖިދުލް އަމާނީގެ ތެރެއަށް ބޮޑުކަމު ގޮސް، މަސްޖިދުލް ނަސްރީއަށް ފައިވާނާއެކު ވަދެ ހަތިމުތައް ބިންމައްޗަށް އުކާލައިފައެވެ.
ފުލުހުން ބުނީ، އެ މައްސަލައިގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ 47 އަހަރުގެ މީހާގެ ހާލަތު ދެނެގަތުމަށް އޭނާ ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އެމީހާއަކީ ނަފުސާނީ ބަލީގެ މީހެއް ކަމުން އެމީހާ ބަންދުގައި ބަހައްޓައިގެން އިތުރު ގެއްލުންތަކެއް އޭނާއަށް ލިބިދާނެ ކަމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށެވެ.
އެހެންވެ، އެމީހާ ރަނގަޅަށް ބެލެހެއްޓުމަށް އާއިލާއަށް ނަސޭހަތްތެރިވެ، ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިސްކިތުގެ ހުރުމަތް ކެނޑުމުގެ މައްސަލަތައް މިފަހަކަށް އައިސް އިތުރުވެފައިވާ އިރު، މިފަހުން މާލޭގެ ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒަށް ވަދެ، މީހަކު ވަނީ ކުޑަކަމުގޮސްފައެވެ. އަދި އެކަން ކުރި މީހާ އެއް މަހާއި 19 ދުވަހަށް ޖަލަށް ލާން ދާދި ފަހުން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައެވެ.