ޚަބަރު

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ފެށުމެއް، އިތުރު ހިޔާނާތުގެ މައްސަލަތައް ހޯދަންޖެހޭ: ޖަމީލް

މަރިޔަމް ޝަހުދާ

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ފެށުމެއް ކަމަށާއި އިތުރު ހިޔާނާތުގެ މައްސަލަތައް ހޯދަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޭސީސީން މިއަދު އާންމުކުރި ރިޕޯޓާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން ޖަމީލް ވަނީ ރިޕޯޓުގައި ހިޔާނާތުގެ ފައިސާ ލިބުން ކަމަށް ތުހުމަތުކުރާ ސަރުކާރުގެ މިނިސްޓަރަކާއި ސްޓޭޓް މިނިސްޓަރ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ގޭގައި މަޑުކުރުމަށް އެންގުމުން ރައީސް ސޯލިހަށް ތައުރީފު ކުރައްވައިފައެވެ. އަދި މިއީ ހެޔޮ ފާލެއް ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައްޔިތުންނަށް އޭގެ ފައިދާ ލިބިފައިނުވާ އެމްއެމްޕީއާރުސީގެ ހުރިހާ މުއާމަލާތްތައް ދެނެގަނެ އެ ނައްތާލެވެން ޖެހޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ ކޮރަޕްޝަނުގެ އެކި މައްސަލަތަކުގެ ތެރެއިން ކުޑަ މިންވަރެއް ކަމަށާއި ފާއިތުވި އަހަރުތެރޭ ހިނގާ ދިޔަ ކޮރަޕްޝަންގެ ހުރިހާ އަމަލެއް ހޯދައި، ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭކަމަށް ވިދާޅުވެފައެވެ.

ހިޔާނާތުގެ ސަބަބުން ގާނޫނީ ނިޒާމުގެ އިތުރުން، ގާނޫނުތަކަށް ބަދަލު ގެނެވި، ބޭފުޅުން މަގާމުތަކުން ވަކިކޮށް، އަދި އެކި އިދާރާތައް ހަލާކުވެފައިވާ ކަމަށާއި މި ހުރިހާ ހިޔާނާތްތަކެއްގެ ފަހަތުގައި ތިއްބެވި ބޭފުޅުން އަދިވެސް ބާރުގަދަކަމާއެކު، އެކި މަގާމުތަކުގައި ތިއްބަވާކަމަށްވެސް ޖަމީލް ވަނީ ތުހުމަތު ކުރައްވައިފައެވެ. އަދި މިކަންކަން ހައްލުކުރެވޭނީ ކޮރަޕްޝަނާ ދެކޮޅަށް "ޒީރޯ ޓޮލަރެންސް" ގެންގުޅެ، އެކަންކަމާ ދެކޮޅަށް އެކަށޭނެ ފިޔަވަޅުތަކެއް އެޅިގެންކަމަށް ޖަމީލް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޭސީސީން މިއަދު އާންމުކުރި ރިޕޯޓުގައި ސަރުކާރުގެ އެކި ބޭފުޅުންގެ އިތުރުން މަޖިލިސް މެމްބަރުންނާއި އެތަކެއް ކުންފުނިތަކަކާއި އެސްއޯއެފް ކުންފުންޏާ ދެމެދު ކުރެވުނު ފައިސާގެ މުއާމަލާތްތައް ވަނީ ހާމަކޮށްފައެވެ.