ޚަބަރު

މާފުށީގައި ހަ ބިދޭސީއަކު ޑެންގޫއަށް ޕޮޒިޓިވް ވެއްޖެ، ސިއްހީ ހިދުމަތް ހޯދުމަށް ދަތިތަކެއް!

ކ. މާފުށީގައި ހަ ބިދޭސީއަކު ޑެންގޫ ހުމަށް ޕޮޒިޓިވް ވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވީ ޑެންގޫ ހުން ޖެހިގެން ފުރަތަމަ ރިޕޯޓުކޮށްފައިވަނީ އިއްޔެ ކަމަށާއި މިއަދާ ހަމައަށް ޖުމްލަ ހަ ބިދޭސީއަކު ޑެންގޫއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

"އެއީ މާފުށީގައި ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅޭ ހަ ބިދޭސީން. ބަނގުލަދޭޝް ހަތަރު މީހުންނާއި ނޭޕާލް ދެ މީހުން. އެމީހުންގެ ހާލު އަދި ސީރިއަސްއެއް ނޫން. މާފުށީގައި މަސައްކަތްކުރާ ބިދޭސީންނަށް ކައުންސިލާއި މާފުށި ޕޮލިސް އަދި މާފުށި ސިއްހީ މަރުކަޒު ގުޅިގެން މިރޭ ވާނެ ޑެންގޫއަށް ހޭލުންތެރިކުރުވުމަށް އެވެއާނަސް ޕްރޮގްރާމެއް ވެސް ހިންގާފައި،" އޭނާ ވިދާޅުވިއެވެ.

މާފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ އެކަން މިހާރު ސަރުކާރާއި ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި ޑެންގޫ ހުން ފެތުރުނަ ނުދިނުމަށްޓަކައި ކައުންސިލާއި ފުލުހުންނާއި ސިއްހީ މަރުކަޒާއި މާފުށީ ޖަލާއި އެ ރަށުގެ އެހެނިހެން މުއައްސާސަތައް ގުޅިގެން ރަށު ތެރޭގައި ފެން ހެދިފައިވާ ތަންތަން ބަލައި، އެތަންތަން ނައްތާލުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.

މާފުށީ ކައުންސިލްގެ ރައީސް އުސްމާން ވަނީ ގެސްޓު ހައުސްގެ އެންމެ ބޮޑު ވިޔަފާރި ކުރާ ރާއްޖޭގެ ރަށުގެ ސިއްހީ ނިޒާމާ ގުޅޭގޮތުން ވެސް ވާހަކަދައްކަވައިފައެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އޭނާ ވިދާޅުވީ އެ ރަށުގެ ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ހުރި ނަމަވެސް ކޮމިއުނިޓީ ހެލްތު އޮފިސަރެއް ނުހުންނަތާ ވަރަށް ދުވަސްވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ދުވަހުން ދުވަހަށް ލިބެން ޖެހޭ ބޭސް ހޯދުމުގައި ވެސް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ. ބޮޑު ބައްޔެއް ނުވަތަ ހާދިސާއެއްގައި މީހަކަށް ބޮޑު އަނިޔާއެއް ވެގެން ފަރުވާ ދިނުމަށް މާލެ ފޮނުވާލަން ޖެހެނީ،" އޭނާ ވިދާޅުވިއެވެ.

މާފުށީ ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ ސަރުކާރު ބަދަލުވުމަށް ފަހު އަދި މިހާތަނަށް މާފުށީގެ ސިއްހީ ނިޒާމުން ތަފާތެއް ނުފެންނަ ކަމަށާއި ސަރުކާރުގެ ސަމާލުކަމަށް އެ ހުރިހާ ކަމެއް މިހާރު ގެނެސްފައިވާނެ ކަމަށެވެ. އަދި އުންމީދަކީ ކުރިއަށް އޮތް ތަނުގައި މާފުށިން އެންމެ އެދެވޭ ސިއްހީ ހިދުމަތް ލިބޭނެ މަގު ތަނަވަސްވެގެން ދިއުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.