އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެސްއޯއެފްގެ އެކައުންޓުން ދޫކުރި ފައިސާގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު "ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިމެންދެން މަހުލޫފާއި އަކްރަމް ގޭގައި މަޑުކުރައްވަން ރައީސް އަންގަވާފައިވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެސްއޯއެފްގެ އެކައުންޓުން މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ 33000 ޑޮލަރުގެ މައްސަލަ ބަލައި ވަކިގޮތެއް ނިމެންދެން ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށާއި ރައީސް ސޯލިހުގެ އެ ނިންމެވުމަށް އިހުތިރާމުކުރާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ، ހިޔާނާތުގެ މައްސަލައިގައި، އޭސީސީން މިއަދު އާންމުކުރި ރިޕޯޓުގައިވާ ގޮތުން މަހުލޫފުގެ އިތުރުން އެސްއޯއެފް އިން ފައިސާ ދޫކުރި މީހުންގެ ތެރޭގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ހިމެނިވަޑައިގަންނަވައެވެ. އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މަހުލޫފާއި އަކްރަމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮން މަނިކު އަދި ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދަށް ވެސް ފައިސާ ދޫކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.