ޝަހީދާ އަބްދުﷲ ސައީދު
ޓޫރިޒަމް މިނިސްޓްރީގެ ހުއްދަނެތި ރަމްޒީ ކައިވެނީގެ ހަފްލާއެއް ބޭއްވި މައްސަލަ އެމިނިސްޓްރީން ބަލަން ފަށައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ މިނިސްޓްރީގެ ހުއްދަ ނެތި ގަވައިދާ ހިލާފަށް ރަމްޒީ ކަވެނި ހަފްލާއެއް ބޭއްވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނެފައިވަނީ ހުއްދަ ނެތި ރާއްޖޭގެ އެއްވެސް ތަނެއްގައި ރަމްޒީ ކައިވެނީގެ ހަފްލާއެއް ނުބޭއްވޭނެ ކަމަށެވެ.
ރަމްޒީ ކައިވެނި ހަފްލާއެއް ބޭއްވި މައްސަލައެއް ބަލަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާއިރު، ނ. ވެލިދޫގައި ހިންގާ ގެސްޓް ހައުސްއެއްގައި ރޭ ވަނީ ރަމްޒީ ކައިވެނީގެ ހަފްލާއެއް ބޭއްވިކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައެވެ. އެގޮތުން ކައިވެނީގެ ހެދުމުގައި ތިބި ދެ އަންހެނުންގެ ފޮޓޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ވެލިދޫގައި އަންހެން ދެ ފަތުރުވެރިއަކު ރަމްޒީ ކައިވެނި ކުރިކަމަށް ބުނާ މައްސަލައާ ގުޅިގެން ''ވަންއޮންލައިން'' އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ވެލިދޫ ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޖައުފަރު ވިދާޅުވީ އެރަށުގެ ގެސްޓްހައުސްއެއްގައި ކުރީ ރަމްޒީ ކައިވެންޏެއް ނޫން ކަމަށެވެ.
އަދި އެމައުލޫމާތު ލިބުމުން ކައުންސިލުން ގެސްޓްހައުސް ހިންގާ އިސް ފަރާތާ ސުވާލުކޮށް ބެލި ބެލުމުން، އެއީ ގެސްޓް ހައުސްގައި އާންމުކޮށް ހިންގަމުންދާ އެންޓަރޓައިނިން ޕްރޮގްރާމްގެ ދަށުން ހިންގި ހަރަކާތެއްކަން އެނގިފައިވާ ކަމަށެވެ. އަދި ރަމްޒީ ކައިވެންޏެއްކަން އެނގޭނެ ފަދަ އެއްވެސް ކަމެއް ފެނިފައި ނުވާކަމަށް ޖައުފަރު ވިދާޅުވިއެވެ.
ޖައުފަރު ވިދާޅުވީ ފަތުރުވެރިން ރަށުތެރޭގައި އުޅެންޖެހޭނެ އުސޫލުތައް ބަޔާންކޮށްދޭ ލިޔުމެއް، ގެސްޓް ހައުސްތަކަށް ވަންނައިރު ފެންނާނެހެން ބަހައްޓާފައި ހުންނާނެ ކަމަށެވެ.
ރާއްޖޭގެ އެއްވެސް ތަނެއްގައި ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފްލާއެއް ބޭއްވޭނީ، ދިވެހި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ''ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފްލާ ބޭއްވުމާއި ބެހޭ ގަވައިދު'' ގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ.
އަދި އެގަވައިދުގެ 4 ވަނަ މާއްދާގެ (ބ)ގައިވާގޮތުން ''ރަމްޒީ ކައިވެނީގެ ހަފްލާގައި އެއްވެސް ދީނަކަށް ނުވަތަ ދިވެހި ރާއްޖޭގެ ސަގާފަތާއި ދިވެހި އާދަކާދައަށް ހުތުރުވާގޮތަށް ނުވަތަ ފުރައްސާރަކުރާގޮތަށް އެއްވެސްކަމެއް ރަމްޒީ ކައިވެނީގެ ހަފްލާގެ އިސްމީހާއާއި ހަފްލާގައި ބައިވެރިވާ އެއްވެސް ފަރާތަކުން އަމަލުން ނުވަތަ ބަހުންވިޔަސް ހިންގައިގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.