ޚަބަރު

ފުރުސަތު ދީފިނަމަ އަންހެނުންނަށް ކޮންމެ ކަމެއްވެސް ކުރެވޭނެ: މިންހާ

އަލީ ޔާމިން

2

ފުރުސަތު ދީފިނަމަ އަންހެނުންނަށް ކޮންމެ ކަމެއްވެސް ކުރެވޭނެ ކަމަށް ވިމަން އިން މޯލްޑިވްސް (ވިމް)ގެ ރައީސާ އަދި ވަން އޮންލައިންގެ ޗެއާޕާސަން މިންހާ ފާއިޒް ރަޝާދު ވިދާޅުވެއްޖެއެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ވިމްގެ ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމަން އެވޯޑް 2021 ހަފުލާގައި މިންހާ ވިދާޅުވީ، އަންހެނުންނަކީ ގައުމެއްގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އަދި އަންހެނުންނަށް އޮންނަ ފުރުސަތުތައް މިހާރަށް ވުރެ އިތުރުވާން ޖެހޭ ކަމުގައި ވިދާޅުވިއެވެ.

"ފުރުސަތު ދީފިނަމަ އަންހެނުންނަކީ ކޮންމެ ކަމެއްވެސް ކުރެވޭނެ ބައެއް،" މިންހާ ވިދާޅުވިއެވެ.

މިންހާ ވިދާޅުވީ، ކޮވިޑް 19ގެ ބަލިމަޑުކަމާއެކު އަންހެނުންގެ ދައުރު ވަރަށް ބޮޑަށް ފެނިގެންގޮސްފައިވާ ކަމަށާއި ކޮވިޑް ކޮންޓްރޯލްކުރުމަށް ކުރީ ސަފުގައި ގިނައިން ހަރަކާތްތެރިވީ އަންހެނުން ކަމަށެވެ. އަދި ކޮވިޑްގެ އެންމެ ނުރައްކާތެރި ދުވަސްވަރު ވިޔަފާރިތައް ހުއްޓުނު ނަމަވެސް އަންހެނުން ގޭގައި ތިބެގެން ދިޔައީ އެކިއެކި މަސައްކަތްތައް ކުރަމުން ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އިސް މަގާމުތަކާއި ކުންފުނިތަކުގެ އިސް މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން އަދި ގޮތް ނިންމުމުގެ މަރުހަލާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

މިންހާ އިތުރަށް ވިދާޅުވީ، މަސައްކަތްތެރި އަންހެނުން ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރާ ކަމަށާއި ވިމްއިން ދޭ ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމަން އެވޯޑުގެ ބޭނުމަކީވެސް އެއީ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟