ޚަބަރު

ކަންކަން އިސްލާހުކުރަން ނުވަތަ ބަދަލުކުރަން އަންހެނުން ހުށަހަޅާ ހުށަހެޅުންތައް ތަފާތުވާނެ: ރައީސް

ކަންކަން އިސްލާހުކުރުމަށް ނުވަތަ ބަދަލުކުރުމަށް އަންހެނުން ހުށަހަޅާ ހުށަހެޅުންތައް ތަފާތުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ވިމެން އިން މެނޭޖްމަންޓްގެ ޕްރޮފެޝަނަލް އެންޑް ކެރިއާ އެވޯޑްގައި ރައީސް ވިދާޅުވީ ފިރިހެނެއްގެ ނަޒަރުން ވިސްނިފައިނުވާ އެތައް ގޮތަކަށް އަންހެނުންގެ ވިސްނުން ހުރެދާނެ ކަމަށާއި މުޖުތަމައުގެ ކަންކަން ފިރިހެނުން ތަޖުރިބާކުރާ ގޮތާ މުޅިން ހިލާފަށް އަންހެނުން ތަޖުރިބާކުރުމަކީ ވެދާނެ ކަމެއް ކަމަށެވެ.

އެހެންކަމަށްވާ ނަމަ ކަންކަމާ މެދު އަންހެނުން ސުވާލު އުފައްދާ ގޮތާއި އެ ސުވާލުން ނެރެން ބޭނުންވާ ނަތީޖާވެސް ތަފާތުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ،

"ވިސްނުމާއި ތަޖުރިބާކުރުމާއި އިހުސާސްކުރުމުގައި ހުންނަ މިފަދަ ތަފާތުތަކަށް ބަލާއިރު، ކަންކަން އިސްލާހުކުރުމަށް ނުވަތަ ބަދަލުކުރުމަށް އަންހެނުން ހުށަހަޅާ ހުށަހެޅުންތައްވެސް ތަފާތުވާނެ. އޭގެ ފޭރާންވެސް ހެޔޮވެފައި އޮށްޓަރު ރަނގަޅުވާނެ. މައްސަލަތަކަށް ހުށަހަޅާ ހައްލުތައް ވެސް މުޖުތަމައުގެ ހާލަތާ އެކަށީގެންވާނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ތަފާތު ވިސްނުންތަކާއި ހުށަހެޅުންތައް ތަންފީޒީ މަރުހަލާގެ މޭޒު ދޮށަށް ނާންނަހާ ހިނދަކު، މުޅި މުޖުތަމައުގެ މަސްލަހަތަށް ރިއާޔަތްކުރެވޭ ހައްލުތައް ހޯދުން ދަތިވާނެ ކަމަށެވެ. އަދި ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ކަންކަމަށް ހައްލު ހޯދޭނީ، އެ މަގުސަދު ހާސިލުކުރުމުގެ ނިޔަތުގައި އަންހެނުންނަށް ފުރުސަތު ފަހިކޮށްދީގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އިގުތިސޯދީ ގޮތުން ފަހިކޮށްދޭ ފުރުސަތުތަކުގައިވެސް، އަންހެނުންނަށް ހާއްސަ އިސްކަމެއް ދިނުމަކީ އަންހެނުން ބާރުވެރިކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް. އެސްއެމްއީ. ބޭންކުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމުގައިވެސް އިސްކަންދޭ ގިންތިއަށް 25 އިންސައްތަ ހާއްސަކޮށްފައިވާނެ. އެ ގިންތީގައި ހިމެނޭ އެއް ބަޔަކީ އަންހެނުން،" ރައީސް ވިދާޅުވިއެވެ.

އަންހެނަކަށް ވީތީ ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށާއި ނަމަވެސް އަންހެނަކަށް ވީތީ ލިބެންޖެހޭ އިމްތިޔާޒުތަކެއްވެސް އަދި އިނާޔަތްތަކެއްވެސް ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެގޮތުން ސަރުކާރުގައި ވަޒީފާ އަދާކުރާ އަންހެނުން ވިހެއުމާ ގުޅިގެން، މުސާރައާއެކު ހަ މަސް ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތަށް އަޅުގަނޑުމެން ހަމަޖެއްސީ އެ ސަބަބަށްޓަކައި،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެއީ ކޮންމެހެން އަންހެނުންނަށް ލިބެންޖެހޭ ހައްގެއް ކަމަށް މިއަދު މުޖުތަމައުވެސް ގަބޫލުކުރާ ކަމަށެވެ. އަދި ސަރުކާރުގެ އެ ނިންމުން ނަމޫނާއަކަށް ބަލައި، ބައެއް ކުންފުނިތަކުންވެސް އެ ސިޔާސަތު ތަންފީޒުކުރަމުންދާ ކަމީ ވަރަށް ހެޔޮ ފާލެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.