ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އެކައުންޓް ފްރީޒްކުރި މައްސަލައިގެ އަޑުއެހުން ސިއްރުކޮށް ހައިކޯޓުން ނިންމާލައިފި އެވެ.
އެކައުންޓް ފްރީޒްކުރި މައްސަލަ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ ޝަރީއަތް ފަށާފައިވަނީ މިއަދެވެ. އަދި ޝަރީއަތްތައް ސިއްރުކޮށްގެން ކުރިއަށް ގެންގޮސް މިއަދު ވަނީ ނިންމާލައިފައެވެ.
އެ މައްސަލައިގައި އިތުރު ކަމެއް ސާފު ކުރަން ނުޖެހޭކަމަށް ވާނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.
ރައީސް ޔާމީންގެ ބޭންކު އެކައުންޓުތައް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އެމަނިކުފާނުގެ ވަކީލުން ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 24 ގައެވެ.
ރާއްޖޭގައި ހުރި ރައީސް ޔާމީންގެ ހުރިހާ ބޭންކް އެކައުންޓެއް ހިފަހައްޓާފައި ވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ ތަފާތު ތިން އަމުރެއްގެ ދަށުންނެވެ. އެ ހުރިހާ އަމުރެއް ވެސް ކްރިމިނަލް ކޯޓުން ނެރެފައި ވަނީ ފުލުހުން އެދިގެންނެވެ.