ގޭންގުތަކާ ވާހަކަދައްކަނީ ގައުމުގައި އޮތް ވަރަށް ސީރިއަސް، ބޮޑު މައްސަލައެއް ހައްލުކުރުމުގެ ނިޔަތުގައި ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މީގެ ކުރިން ގޭންގުތަކާ މަހުލޫފު މަޝްވަރާ ކުރުމުން ބައެއްގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެކަމާ ގުޅޭގޮތުން ރާއްޖެ ޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ ހުރިހާ ރައްޔިތުންނާއި އެކަމުގައި ތާށިވެފައިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެ މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މިކަންކަން ކުރަން މި ޖެހެނީ އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް. އެކަމުގައި ތާށިވެފައި ތިބި ކުދިންގެ ސަލާމަތާ ރައްކާތެރިކަމަށް. އެއީ އެހެން އުޅެގެން ދާގޮތަށް ގޮސް ކޮންމެވެސް ގޮތަކުން މީހެއްގެ ގަޔަށް ވަޅިއެއް އެއްޗެއް ހަރައި، އެމީހަކު މަރުވެ މިހުރިހާ ކަމެއްވާ ފަހުން ވަގުތު ފާއިތުވާ އިރު މިއޮންނަނީ 25 އަހަރަށް ޖަލުގައި. ނޫނީ މަރަން ހުކުމްކޮށްފައި. އެހެންވީމާ ގައުމުގައި އޮތް ވަރަށް ސީރިއަސް، ބޮޑު މައްސަލައެއް ހައްލުކުރުން އަޅުގަނޑުގެ ނިޔަތަކަށްވީ،" މިނިސްޓަރު ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ ގޭންގުތަކާ މަޝްވަރާކުރި ހިސާބުން ވަރަށް ގާތްކޮށް ތިބި މީހުންނަށް ވެސް އެކަން ރަނގަޅަށް ނުވިސްނުމުން ކުޑަކޮށް އުނދަގޫވި ކަމަށާއި އެކަމަކު މިއަދު ވެސް އެކަމާ ގުޅިގެން ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން އެއްކޮށް ހައްލުނުވި ނަމަވެސް ލުޔެއް ލިބުނަސް ރަނގަޅު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މިދިޔަ ފަސް އަހަރު ތެރޭ 35 ޒުވާނުން މި ރާއްޖޭގެ މަގުމައްޗަށް މަރާފަ ނޫންތޯ އޮތީ. އެ އަދަދު ދަށްކުރުން. އެކަން އެއްކޮށް ނެތިގެން ދިއުން. އެކަމުން ދުރުވުން. އެއީ އަޅުގަނޑުމެން ބޭނުންވާ ކަމަކީ. ގޭންގުތަކަކީ ހާއްސަކޮށް ޒުވާނުން ވަދެވިގެން ގޮސް، ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ. އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމައަކީ ބޮޑު ބިރުވެރި ތަނަކަށް ވެފައި. ވަގުތުތަކެއް ދިޔަ އަޅުގަނޑުމެން ރައްޔިތުންނަށް ދިރިހުރުމުގެ ހައްގު އެބައޮތްތޯ ސުވާލު ކޮށްލެވޭ ހިސާބަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ ޒުވާނުންގެ ކަންކަމާ ޒިންމާވެ ހުރި މީހެއްގެ ހައިސިއްޔަތުން އެކަންކަމުން ޒުވާނުން ދުރުކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށާއި އެ މަގާމުގައި ހުރިހާ ދުވަހަކު އެކި ގްރޫޕުތަކާއެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"އޭގެ ތެރޭގައި އޮތް އެންމެ މުހިންމު އެއް ގްރޫޕު މިއީ، ޑިސްޓާބްޑް ޔޫތުސް. މި މީހުންނާ އެކީގައި ވެސް މަސައްކަތްކުރަން ޖެހޭ. އޭގެ ތެރެއިން އެމީހުން ސަލާމަތްކޮށްދޭން ވެސް މަސައްކަތްކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މަހުލޫފު އިތުރަށް ވިދާޅުވީ ގޭންގުތަކުގެ މީހުންނާ މަޝްވަރާކޮށްގެން ޖަލުތަކުގައި ތިބި އެމީހުންގެ މީހުން ދޫކުރާ ޑީލަކަށް ދާ ވާހަކައެއް ދައްކާފައި ނުވާނެ ކަމަށެވެ.