އިބްރާހިމް ޒަކީ
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ރިޕޯޓް އޭސީސީން މިއަދު އާއްމު ކުރިއިރު، އެސްއޯއެފް ކުންފުނިން، ރާއްޖޭގެ މަހުޖަނުންނަށް ނިސްބަތްވާ ބޮޑެތި ކުންފުނިތަކަކަށް ވެސް ފައިސާ ޖަމާކޮށްފައިވާކަން ހާމަވެއްޖެ އެވެ.
އޭސީސީގެ ރިޕޯޓްގައި ޗަމްޕާ ހުސެއިން އަފީފުއަށް ނިސްބަތްވާ ޗަމްޕާ ބްރަދާސް މޯލްޑިވްސްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ނިސްބަތްވާ ވިލާ ޓްރެވަލްސް އެންޑް ޓްވާސް ވެސް ހިމެނެ އެވެ.
މީގެ އިތުރުންވެސް ބައެއް ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ އެކައުންޓްތަކަށްވެސް އެސްއޯއެފުން ފައިސާ ޖަމާކޮށްފައިވާ ކަމަށް އޭސިސީގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އެ ހުރިހާ ކުންފުނިތަކަށް އެސްއޯއެފުން ޖަމާވެފައިވާ ފައިސާއަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާކަމެއް ރިޕޯޓުން ސާފެއް ނުވެ އެވެ. ބައެެއް ކުންފުނިތަކުން ބުނެފައިވާ ގޮތުގައި އެސްއޯއެފުން އެ ކުންފުނިތަކުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ އެ ކުންފުނިތަކުން ރުފިޔާ ދިނުމަށްފަހު ގަނެފައިވާ ޑޮލަރެވެ.