އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކަށް ހައްގު އަދަބު ލިބެން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޝީދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ ރިޕޯޓު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އާންމުކޮށްފައެވެ. އެތައް މިލިއަން ޑޮލަރުގެ ހިޔާނާތުގެ މައުލޫމާތު ވަނީ އެ ރިޕޯޓުން އާންމުވެފައެވެ.
މިނިސްޓަރު ޝިދާތާ މިއަދު ކުރެއްވި ޓްވީޓެއްގައި، އެމްއެމްޕީއާރުސީގެ ރިޕޯޓުގެ ތުހުމަތު ކުރެވޭ ފަރާތްތައް ރައްޔިތުންނަށް ޖަވާބުދާރީވުމަށް ވަނީ ގޮވާލައްވައިފައެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ރިޕޯޓު އޭސީސީން މިއަދު އާންމުކުރި އިރު، އެ ކުންފުނީން ޑޮލަރު ނުވަތަ ރުފިޔާ ދޫކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރާއްޖޭގައި ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ އިތުރުން ވިޔަފާރިވެރީން ހިމެނެ އެވެ.