ޚަބަރު

އެމްއެމްޕީއާރްސީގެ ރިޕޯޓްގައި ހިމެނޭ ސިޔާސީ ފަރާތްތަކުގެ މައުލޫމާތު "ވަން އޮންލައިން"އާ ހިއްސާކުރުމުގެ ފުރުސަތު

އަހުމަދު ޖައިޝަން

ހިޔާނާތުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނެރުނު ރިޕޯޓުގައި ހިމެނޭ ސިޔާސީ ފަރާތްތަކުގެ މައުލޫމާތު "ވަން އޮންލައިން"އާ ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އޭސީސީން ހިންގި ތަހުގީގުގެ ފުރިހަމަ ރިޕޯޓު ވަނީ މިއަދު އޭސީސީން ހާމަކޮށްފައެވެ.

ޖުމްލަ 776 ސަފުހާގެ އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް އެތައް މިލިއަން ޑޮލަރެއް ޖަމާކޮށް އެކި ފަރާތްތަކަށް ވަނީ ޖަމާކޮށްފައެވެ.

އެގޮތުން އޭގެތެރޭގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ފަދަ ފަރާތައް ހިމެނެއެވެ.

އޭގެއިތުރުންވެސް އިތުރު ފަރާތްތަކަށް ފައިސާ ލިބިފައިވާކަން އެ ރިޕޯޓުން ވަނީ ފެނިފައެވެ.

ބައެއް ކުންފުނިތަކުގެ ނަންތަކާ ގުޅޭ އިތުރު ސިޔާސީ ފަރާތްތައްވެސް އެ ރިޕޯޓުގައި ހިމެނޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ.

އެހެން ނަމަވެސް ބައެއް ފަރާތްތަކާއި ކުންފުނިތަކުގެ މައުލޫމާތުތަކަކީ އާންމު މައުލޫމާތުތަކަށް ނުވުމުން އެ މައުލޫމާތުތައް ކަށަވަރެއް ނުކުރެވެއެވެ. އަދި އެއީ ސިޔާސީ ގޮތުން ކޮން ފަރާތަކާ ގުޅުން ހުރި ބައެއްގެ ނުވަތަ ކާކުގެ މަސްލަހަތު ހިމެނޭ ކުންފުންޏެއް ކަމެއް ނޭނގެ އެވެ. ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި އޭގެން ގިނަ ކުންފުނި ތަކަކީ ސިޔާސީ މީހުން އެމީހުންގެ ތިމާގެ މީހުންގެ ނަމުގައި އުފައްދާފައި ހުރި ވަގުތީ ކުންފުނި ތަކެކެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ކުރީގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނަށް ވެސް ލިބުނު ކަމަށް ބުނާ އިރު، ސީދާ އެފަދަ ފަރާތްތަކުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ހުރިކަން ރިޕޯޓުން ފާހަގަވާން ހުރީ ހައެއްކަ މެންބަރުންގެ އެކަންޏެވެ.

އެހެންކަމުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އޭސީސީން މިއަދު ނެރުނު ރިޕޯޓުގައި ހިމެނޭ ކުންފުނިތަކާއި ސިޔާސީ ފަރާތްތަކުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ފަރާތްތަކުން ވަން އޮންލައިންގެ ހޮޓްލައިން 7943663 އަށް ގުޅުއްވައި ނުވަތަ މެސެޖަކުން އެ މައުލޫމާތު ހިއްސާކޮށްދެއްވުމަކީ ވަރަށް ވަންގެ އެދުމެކެވެ. މައުލޫމާތު ދޭ ފަރާތުގެ މައުލޫމާތު ވަން އިން ސިއްރު ކުރާނެ އެވެ.