އަހަރެއް ނިމުމާ ގާތަށް އައިސްފައިވާއިރު މިއަހަރަކީވެސް ވަޒީފާގެ މާހައުލުގައި ބައެއް މީހުންނަށް ކުރިއެރުންތަކާއި މުސާރައަށް ހެޔޮ ބަދަލުތައް ގެނުވި އަހަރަކަށް ވެދާނެއެވެ. ނަމަވެސް ތިޔައިގެ ތެރެއިން ގިނަ މީހުންނަކީ ވަޒީފާ މަތީން ފޫހިވެ، ހިތާއި ދެކޮޅަށް މަސައްކަތަށް ނުކުންނަ ބަޔަކަށް ވުމަކީވެސް އެކަށީގެންވާކަމެކެވެ.
ތިޔައީ އޭގެން މީހެއް ނަމަ ވަޒީފާއިން ކެނޑެން ހިތަށް ނާރާ އެންމެ ދުވަހެއްވެސް ނުދާނެކަން ޔަގީނެވެ. ނަމަވެސް އެކަމަށް ފައި ނެގުމުގެ ކުރިން އަންނަނިވި ކަންކަމަށް ފުންކޮށް ވިސްނައިލުން ބުއްދިވެރިކަމުގައި ތަޖުރިބާކާރުން ލަފާދެއެވެ.
ވަޒީފާގެ މާހައުލުގައި އަމިއްލަ އިތުބާރު ވަރުގަދަ ކުރާށެވެ. ކޮންމެ ކަމެއް އެންމެ ފުރިހަމަކުރަން ނޫޅޭށެވެ. އެންމެ ފުރިހަމަ ކުރުމުގެ ނިޔަތުގައި އަމިއްލަ ނަފުސަށް ޝައްކު އުފެދިޔަ ނުދޭށެވެ.
މިސާލަކަށް ތައްޔާރުކުރި ރިޕޯޓު އެތައް ބުރަކަށް ކިޔުން ނުވަތަ އީމެއިލެއް ފޮނުވާލުމުގެ ކުރިން 100 ފަހަރު ކިޔައި އަކުރުން އަކުރަށް ޔަގީން ކުރުން އެއީ އާދައަކަށް ވެއްޖެ ނަމަ، ފުރިހަމައަށް މަސައްކަތް ކުރެވޭކަމާމެދު އަމިއްލަ ހިތުގައި ޝައްކު އުފެދެން ފަށާނެއެވެ.
ގިނަ ފަހަރަށް މާ ބޮޑަށް ކަންކަން އެންމެ ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ނަފުސުގެ ދުޅަހެޔޮކަމަށް އެކަމުން އަސަރުކުރުވަން ފަށައެވެ. އޭގެ ސަބަބުން ހިތުގައި ޝައްކު އުފެދި އެއްވެސް ކަމެއް ބަރާބާރަށް ނުކުރެވޭ ކަމުގެ އިހުސާސު ކުރެވެން ފަށައެވެ. ނަތީޖާއެއްގެ ގޮތުން ބަރާބަރަށް ނިންމަމުން އައި މަސައްކަތްތައް ފުނި ޖެހި، މަސައްކަތުގެ ތެރޭގައި ގަރަގު ވެގެންދާން މާގިނަ ދުވަހެއް ނުނަގާނެއެވެ. މިހެން ދިގުލައިގެންދާނަމަ ވަޒީފާ މަތިން ފޫހިކޮށްލާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.
ގިނަ ކަންކަން އެއްފަހަރާ ކުރުމުގެ ގާބިލުކަން ލިބިފައި ހުރި ނަމަވެސް ފަހަރުގައި ޖިސްމާނީ ގޮތުންނާއި ނަފުސާނީގޮތުން އެހުރިހާ ގާބިލިއްޔަތެއް ތިބާގެ ނުހުރެދާނެއެވެ. ސަބަބަކީ އެ ކުޅަދާނަކަން ލިބިފައި ހުރިނަމަވެސް އަމިއްލަ ހިތްހަމަޖެހުމަށް ވަގުތު ހުސް ނުކުރެވޭ ނަމަ އޭގެން ފަހުން ލިބޭ ގެއްލުން ބޮޑުވާނެއެވެ. އަމިއްލަ ނަފުސަށް ވަގުތު ހުސްކޮށް، ނަފުސާނީ ދުޅަހެޔޮކަމަށް ވަގުތުދީގެން މަސައްކަތްތައް ކުރެވޭ މިންގަނޑެއްގައި ކަންކަން ކުރުމަކީ އެންމެ ބުއްދިވެރިގޮތްކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ބައެއް މީހުންނަކީ ވަޒީފާއަށް ގޮސް ހުސްވާ މީހުންނެވެ. އާއިލާ އާއި ރައްޓެހިންގެ އިތުރުން އަމިއްލަ ހިތްހަމަޖެހުމަށް ވަގުތެއް ނެތި މަސައްކަތަށް ގޮސް ހުސްވަނީ އޭގެން ލިބޭ އުޖޫރައަށް ބަރޯސާވެ ތިބެއެވެ. ހަލާލު ރިޒުގު ހޯދުމުގެ ބޭނުމުގައެވެ. ތެދެކެވެ. އާމްދަނީ ހޯދަން މަސައްކަތް ކުރަން ޖެހެއެވެ. ނަމަވެސް އޭގެ މާނައަކީ މަސައްކަތުގެ އަޅަކަށް ވުމެއް ނޫނެވެ. މިކަން ސިކުނޑީގައި ބަހައްޓައިގެން އަމިއްލަ ދުޅަހެޔޮކަމަށް ވިސްނައި މަސައްކަތްކުރާނަމަ، ވަޒީފާ މަތިން ފޫހިވުމުން ދުރުކޮށްދޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ވަޒީފާ މަތިން ފޫހިވާ ކޮންމެފަހަރަކު ވަޒީފާ ބަދަލުކުރުމަކީ ހައްލެއް ނޫނެވެ. އޭގެ ބަދަލުގައި ކުރަމުން އައި މަސައްކަތާ ކުރިމަތިލާ ގޮތް ބަދަލުކޮށްލާށެވެ. ފަހަރުގައި މަސައްކަތުގެ ފޯކަސް އެހެން ގޮތަކަށް ބަދަލުކޮށްލުމުން ފޫހިން ކުރަމުން އައި މަސައްކަތަށް ޝައުގުވެރިކަމެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. ސިކުނޑި ތަނަވަސް ހިޔާލުތަކަށް ހުޅުވާލާށެވެ. އެކަމުން މަސައްކަތަށް އާ ހިތްވަރެއް ގެނުވައި ކުރިއެރުން ލިބުމަކީވެސް އެކަށީގެންވާކަމެކެވެ.
މަސައްކަތަކީ ހުރިހާ ކަމެއް ކަމަށް ނުދެކޭށެވެ. އެއީ ދިރިހުރުމުގެ ބޭނުންކަމާއި ކާންބޯން ކުރާ މަސައްކަތް ކަމަށް އަބަދު ސިކުނޑިއަށް ވިސްނައިދޭ ނަމަ ހިތާ ދެކޮޅަށްވެސް ވަޒީފާއަށް ނުކުތުމަށް ސިކުނޑި މަޖުބޫރު ކުރުވާނެއެވެ. ނަމަވެސް މިއީ ދުޅަހެޔޮ ވިސްނުމެއް ނޫނެވެ. އެކަމުން ނަފުސާނީ ބަލިކަށިކަން ގެނުވައެވެ. ވަޒީފާއިން ހިތްހަމަޖެހުން ގެނުވާނެ ކަންކަމާމެދު ވިސްނައިގެން މަސައްކަތްކުރާށެވެ. އެފަދަ މާހައުލެއް ނެތްނަމަ އެ ނޫން ގޮތެއް ހިޔާރުކުރުމުގެ ފުރުސަތު އޮތްކަން ސިކުނޑިއަށް ވިސްނައިދޭށެވެ. ކުރިންވެސް ބުނިހެން މަސައްކަތުގެ އަޅަކަށް ނުވާށެވެ.
ދުނިޔެ ކޮވިޑުގެ ވަބާއާ ކުރިމަތިލިއިރު އޭގެ ސަބަބުން ގިނަބައެއްގެ ނަފުސާނީ ދުޅަހެޔޮކަމަށްވެސް ވަނީ ލޮޅުންތައް ގެނުވައިފައެވެ. ހާއްސަކޮށް ވަޒީފާގެ މާހައުލުގައި ގިނަބަޔަކަށް ތަފާތު ތަޖުރިބާތައް ކުރަން ވަނީ މަޖުބޫރު ކުރުވައިފައެވެ. ގެއިން މަސައްކަތްކުރުން، ޑިއުޓީތަކަށާއި އުޖޫރައަށް ބަދަލު އައުމުގެ އިތުރުން އާދަކޮށް ކުރަމުން އައިސް މަސައްކަތުގެ ވައްޓަފާޅިއަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން ނަފުސާނީ ގޮތުން ގިނަބަޔަކަށް އޭގެން އަސަރު ކުރުވިއެވެ.
ވަޒީފާގެ މާހައުލުގައި ހިތްހަމަ ނުޖެހުމާއި ނުތަނަވަސް ހިޔާލުތަކުން ސިކުނޑި އަބަދު ވަށައިލާނަމަ ފަސޭހައިން އެކަކު އަނެކަކާ ވާހަކަ ދެކެވޭނެ ވެއްޓެއް ގާއިމުކުރާށެވެ. ނަފުސާނީ ދުޅަހެޔޮކަމަށް ޓަކައި އެކަކު އަނެކަކާ އޯގާތެރިކަމާއި ކުލުނާއެކު ވާހަކަ ދެއްކޭނެ މާހައުލެއް ވަޒީފާގައި ބިނާކުރުމަކީ މުހިއްމުކަމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.