ޚަބަރު

ބޮން ގޮއްވާލި ކަމަށް ތުހުމަތުވާ އަދުހަމަށް ހުކުމްކުރުން އަންނަ އަންގާރަ ދުވަހު

މުހައްމަދު އިޝާން

ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި އަދުހަމް އަހުމަދު ރަޝީދަށް ހުކުމް އިއްވުމުގެ އަޑުއެހުން އަންގާރަ ދުވަހު ތާވަލުކުރާނެ ކަމަށް ކުރިމިނަލް ކޯޓުން ބުނެފިއެވެ.

މެއި ހަވަނަ ދުވަހުގެ ރޭ ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ކުރާ ދައުވާއަށް އަދުހަމް ވަނީ އިއުތިރާފުވެފައެވެ.

އައިއީޑީ ގޮއްވައިލި މައްސަލައިގައި، ދައުލަތުން އަދުހަމަށް ހަތަރު ދައުވާއެއް ކޮށްފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުނު ދައުވާ އާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ.

އެ ހުރިހާ ދައުވާތަކަށް އަދުހަމް އެއްބަސްވީ ދައުލަތާއެކު ހަދާފއިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުންނެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ވެއްޖެ ނަމަ، 37 އަހަރުގެ ހުކުމެއް އަންނަ ގޮތަށް އޮތް ނަމަވެސް އިއުތިރާފުގެ އެއްބަސްވުން ހަދާފައިވަނީ އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށެވެ.

އަދުހަމުގެ ޝަރީއަތް ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ. އެއީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށް މީގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ ބުނެފައެވެ.

ބޮން ގޮއްވާލި މައްސަލައިގައި އަދުހަމްގެ އިތުރުން އެހެން ބަޔަކަށް ވެސް ދައުވާކުރެއެވެ. އެ މީހުންނަކީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، މުހައްމަދު ނާޒިމު، ފަހުމީ އަލީ، އިސްހާގު، މުހައްމަދު ތަސްލީމު އަދި އަބްދުﷲ އަލިމަނިކެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލައާ ގުޅިގެން ހައްޔަރުކުރި އެކަކުގެ ހެކި ނެތުމުގެ ސަބަބުން އޭނާއަށް ދައުވާނުކުރަން ނިންމައިފައެވެ. އެއީ ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހުއެވެ. ފާތިހުއަކީ ކުރިން ޕޮލިސް އިންޓެލިޖެންސްގައި މަސައްކަތްކުރި މީހެކެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން އައިޑީ ގޮއްވާލާފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނިކުމެވަޑިގެން މަޖީދީ މަގުގައި ޕާކުކޮށްފައި އޮތް ކާރުކޮޅަށް އަރައިވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެންފައެވެ.

އޭގެ ތެެރޭގައި ފުއްޕާމެއަށް ގެއްލުންވުމުގެ އިތުރުން ގޮހޮރު ދެތަނަކުން ފޫ އެޅުމުގެ އިތުރުން، އެ ހަމަލާގައި ބުރައިގެންދިޔަ ރޭޒާ ފުއްތަކާއި، ދަގަނޑު ކޮޅުތަކާއި، ޕްލާސްޓިކު ކޮޅުތައް އެމަނިކުފާނުގެ ހަށިކޮޅުގެ އެކި ތަންތަނަށް ފުންކޮށް ވަދެ، ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިވަޑައިގެންފައެވެ. އަދި އޭޑީކޭގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމަކުން 16 ވަރަކަށް ގަޑިއިރަށް ދެމިގެން ދިޔަ އޮޕަރޭޝަންތަކެއްކޮށް ހުރިހާ ރޭޒާ ފުއްތަކެއް ވަނީ ރައީސް ނަޝީދުގެ ހަށިކޮޅުން ނަގައިފައެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ފަހުން ނަޝީދު ވަނީ ޖަރުމަނުންނާއި އިނގިރޭސިވިލާތުން ވެސް ފަރުވާ ހޯއްދަވައިފައެވެ.