ޚަބަރު

ރައީސް ނަޝީދު އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރާ ބައްދަލުކުރައްވައިފި

އަހުމަދު ޖައިޝަން

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ސުޝްމާ ސްވަރާޖް އާ ބައްދަލުކުރައްވައިފި އެވެ.

ރައީސް ނަޝީދު އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރާ ބައްދަލުކުރައްވައިފައިވަނީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައެވެ.

ނިއު ދިއްލީގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާއިން ކަންބޮޑުވުން ފާޅުކުރާ މައިގަނޑު ތިން ކަމަކަށް މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ސަރުކާރުން ވިސްނުމެއް ނެތި ބައެއް ފަރާތްތަކުގެ އަތުން ފައިސާ ނެގުމުގެ ސަބަބުން ރާއްޖެ ދަރަންޏެއްގައި ބެދުމުގެ ނުރައްކާ ކުރިމަތިވެދާނެ ކަމާމެދު އެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އޭގެއިތުރުން ތިމާވެށީގެ ހާލަތާއި އެކްސްޓްރީމިޒަމްއާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވާފައިވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.