ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެ ކުންފުނީގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ, ސްމާޓްކޮމް އިފުތިތާހުކޮށްފިއެވެ.
ހޮޓެލް ޖެންގައި ރޭ ބޭއްވި ހަފުލާއެއްގައި ސްމާޓްކޮމް އިފުތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.
އެ ރަސްމިއްޔާތުގައި ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކުގެ އިސް ބޭފުޅުންނާއި އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކުގެ ޕާޓްނަރ ކުންފުނިތައް ކަމަށްވާ ދިރާގު, އުރީދޫ, އަދި މީޑިއާނެޓުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެޗްޑީސީން ބުނީ, ހުޅުމާލޭގެ ތަފާތު ކޮމިއުނިޓީތައް ޑިޖިޓަލްކޮށް ގުޅުވާލުމަކީ ސްމާޓްކޮމްގެ ދުރު ތަސައްވުރު ކަަމަށެވެ. އެ ބްރޭންޑުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ސިޓީގެ ކަންކަން ކުރިއަށް ގެންދިއުމަށް ތަފާތު ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް, ހުރިހާ ފަރާތްތައް ގުޅިގެން އެ ތަސައްވުރަށް ވާސިލުވުމަށް ތަފާތު ޕާޓްނާޝިޕުތައް އުފެއްދުން ހިމެނޭ ކަމަށް ބުންޏެވެ.
އެޗްޑީސީން ބުނީ, ސްމާޓްކޮމް ބްރޭންޑުގެ ދަށުން މުސްތަގުބަލުގައި ތައާރަފުވެގެންދާ ތަފާތު ސްމާޓް ސޮލިއުޝަންތަކުގެ ސަބަބުން ސިޓީގެ ތައުލީމާއި ސިއްހަތަށާއި ދަތުރުފަތުރުގެ ކަންކަމަށާއި ރައްޔިތުންނާއި އާންމު ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ވިޔަފާރިއާއި އިގުތިސާދު ކުރިއެރުވުމުގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ތަނަވަސްވުން ފަދަ ގިނަގުނަ ފައިދާތަކާއި ލުއިފަސޭހަތަކެއް ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް އަދި ސަރުކާރުގެ އިދާރާތަކަށްވެސް ލިބިގެންދާނެ ކަމަށެވެ.
ވަކިން ހާއްސަކޮށް ޕާޓްނާޝިޕުތަކާއި އިންކިއުބޭޝަން ފެސިލިޓީތައް ފަދަ ތަފާތު ޕްރޮގްރާމްތަކާއެކު ޓެކްނޮލޮޖީ އިންޑަސްޓްރީއަށް ޝައުގުވެރިކަން ހުންނަ ހުނަރުވެރި ޒުވާނުންނަށް ފުރުސަތު ފަހިވެ, އެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަލަށް އެ އިންޑަސްޓްރީއަށް ނުކުންނަން ބޭނުންވާ ވިޔަފާރިތަކަށްވެސް ފުރުސަތު ފަހިވެގެންދާނެ ކަމަށް ބުންޏެވެ.
އެ ކުންފުނިން ބުނީ, ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމުގެ މަގުސަދުގައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ހުޅުމާލޭގައި އޯޕަން އެކްސެސް ނެޓްވޯކަކާއެކީގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިމުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް ބުންޏެވެ.
"އެޗްޑީސީގެ އަމާޒަކީ ސްމާޓްކޮމް މެދުވެރިކޮށް ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމެވެ. އަދި ސްމާޓް ސިޓީގެ ހިދުމަތްތައް ނުވަތަ ސްމާޓް ސޮލިއުޝަންތައް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކަށްވެސް ފޯރުކޮށްދިނުމެވެ," އެޗްޑީސީން ބުންޏެވެ.