އިބްރާހިމް ޒަކީ
އެސްއޯއެފުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ މައްސަލައިގައި، ގޯހެއް އުޅޭނަމަަ އިސްތިއުފާ ދެއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އޭސީސީން މިއަދު ނެރުނު ތަފްސީލީ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި މަހުލޫފްގެ އެކައުންޓަށް އެސްއޯއެފްގެ އެކައުންޓުން ވަނީ 30000 ޑޮލަރު ޖަމާކޮށްފަ އެވެ.
މިކަމާގުޅިގެން މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، "ވައްކަން ކޮށްފަ ނޯންނާނެ، އަދި މައްސަލަ ބެލުމަށްފަހު ގޯހެއް އުޅޭނަމަ އިސްތިއުފާ ދޭނަން" ކަމަށެވެ.
މަހްލޫފްގެ އެ ޓްވީޓާއެކު އެ މައްސަލައާ ގުޅިގެން އޭސީސީއަށް އޭނާ ފޮނުއްވި ސިޓީއަކާއި ޑޮލަރު ގަތްކަމަށް ބުނާ ރިސިޕްޓެއް ވެސް ވަނީ އެޓޭޗް ކޮށްފަ އެވެ
މަހުލޫފް އޭސީސީއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އެއީ މީގެ ފަސް އަހަރު ކުރިން އޭނާ ހިންގި މުއާމަލާތެއް ކަމަށާއި، އެ މުއާމަލާތަކީ، "އަޅުގަނޑުގެ އާއިލާއިން "ދަ ޖީންސް"ގެ ނަމުގައި ފިހާރައެއް ހިންގިއިރު އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަލީ މުބީން ގ. ހާފްސީ މެދުވެރިވެގެން ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ހިންގާފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖުގެ މުއާމަލާތެއް" ކަމަށެވެ.
މަހުލޫފް ވިދާޅުވެފައިވަނީ އެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އޭނާގެ ޑޮލަރު އެކައުންޓެއް އޮތުމުން ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ތަހުގީގު ދެ އަހަރަށް ދެމިގެންދިޔައިރު އެކަމާބެހޭ އެއްވެސް ސުވާލެއް އޭނާއާ ކޮށްފައިނުވާކަމަށްވެސް މަހްލޫފުގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.