ޚަބަރު

އެސްއޯއެފުން ފައިސާ ދޫކުރި މީހުންގެ ތެރޭގައި މިނިސްޓަރު މަހްލޫފާއި އެފްއޭއެމް ބައްސާމު އަދި ރިޔާޒު ރަޝީދު

1

އެސްއޯއެފުން ފައިސާ، ދޫކުރި ފަރާތްތަކުގެ ތެރޭގައި، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހިމެނޭކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވެފައި ވަނީ އެމްއެމްޕީއާރުސީގެ، ހިޔާނާތުގެ މައްސަލައިގައި، އޭސީސީން މިއަދު އާންމުކުރި ރިޕޯޓުގަ އެވެ.

އެހެން ނަމަވެސް އެ ފައިސާއަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ ފައިސާގެ ތެރެއިން ދޫކުރި ފައިސާ ކަމެއް ނޭނގެ އެވެ.

މިނިސްޓަރު މަހުލޫފާއި، ބައްސާމް އާއި ރިޔާޒު ރަޝީދުގެ އިތުރުން، ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކާއި، ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނާއި، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގެ ހިއްސާ އޮންނަ ރެޑްވޭވް ޕްރައިވެޓް ލިމިޓެޑާއި، ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް)ގެ މެނޭޖިން ޑައިރެކްޓަރު އާމިރު މަންސޫރު ވެސް އެސްއޯއެފުން ފައިސާ ދޫކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުން ނަން މަޝްހޫރު ބޮޑެތި ކުންފުނި ތަކާއެކު އެތައް ކުންފުނިތަކަކާއި އަމިއްލަ އެތައްބައެއްގެ އެކައުންޓަކަށް ފައިސާ ޖަމާކޮށްފައިވާކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

ރިޕޯޓްގައިވާގޮތުން، އެސްއޯއެފްގެ އެކައުންޓުން މިނިސްޓަރު މަހުލޫފްގެ އެކައުންޓަށް 30,000.00 ޑޮލަރު ޖަމާކޮށްފައިވާއިރު، ރިޔާޒު ރަޝީދަށް 424،255 ޑޮލަރު އަދި ބައްސާމުގެ އެކައުންޓަށް 29,000.00 ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް ރީކޯ މޫސާމަނިކުގެ އެކައުންޓަށް ވެސް 100,000.00 ޑޮލަރު، ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އަކުރަމް ކަމާލުއްދީންގެ އެކައުންޓަށް 30,000.00 ޑޮލަރާއި ރެޑްވޭވް ޕްރައިވެޓް ލިމިޓެޑަށް 1,519,000.00 ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ.

ރިޕޯޓްގައިވާގޮތުން، އާމިރު މަންސޫރުގެ އެކައުންޓަށް 30,000.00 ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟