އަންނަ އަހަރު ޔޫރަޕުން ކަންނެއްޔަށް ހެޔޮ އަގެއް ލިބޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބޮޑުކަންނެލި މަސްވެރިން މިއަދު ކަނޑުމަތީގައި ކުރިއަށްގެންދިޔަ މުޒާހަރާގައި ބައިވެރިވެވަޑައިގެން، ކަންނެލި ދޯންޏެއްގައި ހުންނަވައިގެން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މަސް ވިއްކުމުގައި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ މަސް ޔޫރަޕުގެ ގައުމުތަކުގައި ވިއްކުމުގައި 24 ޕަސެންޓުގެ ޑިއުޓީއެއް ނަގަމުންދާ ކަމީ އެންމެ ބޮޑު އެއް ޝަކުވާ ކަމަށެވެ.
"މިކަން ހައްލުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން މިދަނީ. ކުރިއަށް އޮތް އަހަރު ތެރޭގައި އަޅުގަނޑު އުންމީދުކުރަނީ މިކަމަށް ރަނގަޅު އަލި މަގެއް ފެނިގެންދާނެ ކަމަށް. އޭރުން ރާއްޖެއިން ވިއްކާ ބޮޑު ކަންނެއްޔަށް ރަނގަޅު އަގެއް ޔޫރަޕުގައި ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޑިއުޓީއާ ނުލައި ކަންނެލި ވިއްކޭނެ ބައެއް ގައުމުތައް އަދިވެސް އެބަހުރި ކަމަށާއި އެގައުމުތަކުން މާކެޓް ހޯދުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމުގެ ތަފުސީލުތައް ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ރަނގަޅު އަގެއްގައި އާ މާކެޓުތަކަކަށް މަސް ވިއްކުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަހުގެ އަގު ހިފެހެއްޓުމަށްޓަކައި ނުވަތަ މަހަށް ރަނގަޅު އަގެއް ހޯދުމަށްޓަކައި މަހުގެ ކޮލިޓީ އުފުލެންޖެހޭ ކަމަށެވެ. އެކަމަށް ހައްލު ހޯދުމަށްޓަކައި ހެޔޮ އަގުގައި އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ.
މީގެ އިތުރުން 18 ރަށެއްގައި އައިސް ޕްލާންޓް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމުގެ ސަބަބުން މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މާލޭގެ ބަނދަރުން ޖާގަ ނުލިބުމާއި ހުޅުމާލެ ޖެޓީން ބޭނުންވާ އަސާސީ ހިދުމަތްތައް ނުލިބޭކަމުގެ ޝަކުވާއަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ގުޅިގެން ހުޅުމާލޭގައި ދިމާވާ ދަތިތަކަށް މިހާރުން މިހާރަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން ސިޔާސަތުތައް އެކުލަވައިލަނީ އެކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށާއި އެގޮތުން މަސްވެރިކަމާ ގުޅޭ ސިޔާސަތުތައް ކަނޑައަޅާނީ މަސްވެރިންގެ ކަންބޮޑުވުން އަޑުއަހައި ފައިދާ ހުރި ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ގެންދަވާނެ ކަމަށެވެ.