ޚަބަރު

ކޮވިޑުގެ ހާލަތުގައި މަސްވެރީން މަސައްކަތް ނުކުރިނަމަ ރާއްޖެ ބަނޑަށްޖެހި، ކުރީން ނުދެކޭފަދަ ތަދުމަޑުކަމެއް ކުރިމަތިވީސް

ކޮވިޑުގެ އެންމެ ނުރައްކާތެރި ދުވަސްވަރު، މަސްވެރިން ރާއްޖޭގައި މަސައްކަތް ނުކުރިނަމަ ރާއްޖެ ބަނޑަށްޖެހި، ދުވަހަކުވެސް ނުދެކޭފަދަ ތަދުމަޑުކަމެއް ކުރިމަތިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަފދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބޮޑުކަންނެލި މަސްވެރިން މިއަދު ކަނޑުމަތީގައި ކުރިއަށް ގެންދާ މުޒާހަރާގައި ބައިވެރިވެވަޑައިގެން، ކަންނި ދޯންޏެއްގައި ހުންނަވައިގެން ރައީސް ސޯލިހު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު ދުވަހު ރާއްޖޭގެ ރައްޔިތުން ތަހަންމަލު ކުރަން ޖެހިފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްތަކެއް ކަމަށެވެ. އެކަމުގެ ސަބަބުން މުޅި ގައުމުގެ އިގުތިސޯދަށް އަސަރު ކުރި ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"ރާއްޖޭގެ އިގުތިސޯދު ހުއްޓި ރައްޔިތުންނަށް ލިބެމުންދިޔަ އާމްދަނީ މުޅީން ހުއްޓުމަކަށް ދިޔަ ވަގުތު ރާއްޖޭގެ އިގުތިސޯދު ހިފެހެއްޓި ބަޔަކީ މަސްވެރިން. މީގެ ތެރޭގައި ބޮޑުކަންނެލީގެ މަސްވެރިންގެ ބޭފުޅުން އަޅުގަނޑު ފާހަގަ ކުރަން،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް މަސްވެރިން ނުކުމެ، އެކުރި މަސައްކަތުން މިއަދު ގައުމަށް ހިންދެމިލުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިއަދު މުޒާހަރާއަށް ވަޑައިގެންނެވީ މަސްވެރިންގެ ޝަކުވާތައް އަޑުއެއްސެވުމަށް ކަމަށެވެ. އެއަށްފަހުގައި މިހާރުން މިހާރަށް ކުރެވެން ހުރި ކަންތައްތަކާއި ދިގުމުއްދަތެއްގައި ކުރެވެން ހުރި ކަންތައްތައް ތަރުތީބެއްގެ ތެރެއިން ކުރަމުން ގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބޮޑު ކަންނެލީގެ ޔޫނިއަންގެ ފަރާތުން މިއަދު ވަނީ އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތައް ރައީސް ސޯލިހަށް އިއްވައިފައެވެ.