މާދަމާ ގައުމު އޮންނަންވީ ގޮތުގެ ތަސައްވުރު މިހާރުންފެށިގެން ޒުވާނުންގެ ސިކުނޑިތަކުގައި ފަރުމާކުރަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
ދިވެހި ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ކިޔެވުން ހިލޭކުރުން އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި އެގޮތަށް މަސައްކަތްކޮށްފިނަމަ ދަރިވަރުން ދަސްވެނިވެ ނިމޭއިރު ތިބޭނީ ގައުމީ ހިދުމަތަށް ފައްކާ ވެފައި ކަމަށެވެ.
"ގައުމީ މައްސަލަތަކާމެދު މަޝްވަރާކޮށް ބަސް ބުނެވޭ ވަރަށް ތިޔަ ދަރިވަރުންގެ ސިކުނޑިތައް ހުންނާނީ ފުރާ ފުރިހަމަވެފައި،،" އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމީ ތަރައްގީއަށް ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީއާ ފައި ހަމަ ވާފަދަ ވިސްނުންތަކެއް އުފަންކުރެވޭނީ ދަރިވަރުންގެ ސިކުނޑިތައް "އިލްމީ ގޮތުން ރޯފިލައިގެންދާ މިންވަރަކުން" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއަދު ރާއްޖޭގެ ހުރިހާ ޒުވާނުންވެސް މަސައްކަތް ކުރަންވީ ސަރުކާރުން މި ފަހިކޮށްދިން ތަނަވަސް ފުރުސަތުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފައި އުފެއްދުންތެރި އިލްމީ ބަޔަކަށް ވުމަށް،" ރައީސް ސޯލިހު ވިދާޅުވިއެވެ.