ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ގައުމެއްގެ މުސްތަގުބަލު ބިނާވެގެންވަނީ އާންމު ސިއްހީ ހާލަތުގެ މައްޗަށް: ނައިބު ރައީސް

ޝަހީދާ އަބްދުﷲ ސައީދު

ގައުމެއްގެ މުސްތަގުބަލު ބިނާވެގެންވަނީ އެގައުމެއްގެ އާންމު ފަރުދުންނަށް ދެވޭ ސިއްހީ ޚިދުމަތުގެ ފެންވަރާއި އާންމު ސިއްހީ ހާލަތުގެ މައްޗަށްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިއަށްދިޔަ "މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތް ސަރވޭ 2016-2017" ގެ ހޯދުންތައް އާންމުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ހޮޓެލް ޖެންގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ފައިސަލް ނަސީމު ވަނީ ހާލަތު ރަނގަޅުކުރުމަކީ ހަމައެކަނި ހެލްތު މިނިސްޓްރީގެ ޒިންމާއެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެއީ ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ އިތުރުން އަމިއްލަ މުއައްސަސާތަކާއި ޖަމުއިއްޔާތަކުގެ އިތުރުން އާންމުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ސިއްހަތަށް ފައިދާހުރި ގޮތަށް ދިރިއުޅުމުގެ ކަންކަން ބައްޓަންކުރަން ޖެހޭ ކަމަށާއި ބަލިތަކުން ރައްކާތެރިވުމަށްދޭ ސަމާލުކަން އިތުރުކޮށް، ސިއްހީ ނުރަނގަޅު އާދަތަކުން ދުރުހެލިވެ، ފައިދާހުރި ކާނާ ކެއުމާއި ކަސްރަތުކުރުމާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެންނަން ޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

.

މީގެއިތުރުން މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތް ސަރވޭ 2016-2017"ގެ ދިރާސާއަކީ އާބާދީއާއި ސިއްހަތާ ގުޅުންހުރި މިންގަނޑުތަކާއި ސިއްހީ ހާލަތާއި ޚިދުމަތްތަކުގެ ހާލަތު ދެނެގަތުމަށްޓަކައި ދިވެހިރާއްޖޭގައި ގައުމީ ފެންވަރުގައި ކުރެވިފައިވާ ވަރަށް މުހިންމު ދިރާސާއެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މުސްތަގުބަލުގައި ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ބައްޓަންކުރުމަށް މި ދިރާސާގެ ހޯދުންތައް ބޭނުންކުރެވިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.