އަތޮޅުތެރޭގައި ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ބަސް ދަތުރު ކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، އަންނަ އަހަރުން ފެށިގެން މާލެ ސަރަހެއްދެކޭ އެއްގޮތަށް އަތޮޅުތެރޭގައިވެސް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެމްޓީސީސީގެ އާންމު ދަތުރުފަތުރުގެ ނިޒާމުގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އެ ކުންފުނިން ފޯރުކޮށްދޭ އާންމު ފެރީގެ ހިދުމަތުގައި މީގެ ކުރިންވެސް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދަތުރުކުރެވެއެވެ. ނަމަވެސް މިހާރުގެ ބަދަލާއެކު އަންނަ އަހަރުން ފެށިގެން އާންމު ބަހުގެ ހިދުމަތްވެސް ހިލޭ ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މިވަގުތު އެމްޓީސީސީން އަތޮޅުތެރޭގައި ބަހުގެ ހިދުމަތް ދެމުން އަންނަނީ އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫ އާއި ދެމެދު ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ދޭ ބަހުގެ ހިދުމަތުގެ ގޮތުގައެވެ.
ނަމަވެސް އައްޑޫ، ފުވައްމުލައް އަދި ލ އަތޮޅުގެ (ގަން، ފޮނަދޫ، އަދި އިސްދޫ، ކަލައިދޫ) ރަށްތަކުގައި ބަހުގެ ހިދުމަތް ފެށުމަށްޓަކައި އާ ބަސްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ. އަދި މި އާ ބަސްތައް ލިބުމާއެކު ފުވައްމުލަކާއި ލ އަތޮޅުގެ (ގަން، ފޮނަދޫ، އަދި އިސްދޫ، ކަލައިދޫ) ރަށްތަކުގައިވެސް ބަހުގެ ހިދުމަތް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ލިބޭނެކަމަށްވެސް އެމްޓީސީސީން ބުންޏެވެ.