ލައިފް ސްޓައިލް

"އެއީ ދެން ރޯވަރު ކަމެއްތަ؟" ގުޅުން ހީނަރުކުރުވާ 7 ޖުމުލަ!

ބައެއް ވާހަކަތަކަކީ އަނެކާއަށް ހެޔޮކޮށް ހިތުމުގެ ނިޔަތުގައި ބުނާ ވާހަކައަކަށް ވީނަމަވެސް ބުނެވޭ ގޮތަކުން މަގުސަދު ހާސިލުވުމުގެ ބަދަލުގައި ދިމާ އިދިކޮޅަށް އޭގެން ނަތީޖާ ނުކުތުމަކީ އެކަށީގެންވާ ކަމެކެވެ.

ވިސްނައިނުލައި ތިބާއަށް ބުނެވޭ ބަހެއްގެ ސަބަބުން އަނެކާގެ ހިތަށް ނުތަނަވަސްކަން ވެރިކުރުވަފާނެއެވެ. ރުޅިވެރިކަމާއެކު ބުނާ ބަހަކުން ހިތުގައި ފުން ވަޅުގަނޑެއް އުފެދިދާނެއެވެ. ގިނަފަހަރަށް ގުޅުންތައް ކެނޑިގެން ދިއުމުގެ ފަހަތުގައި ދެމީހުންގެ މެދުގައި މުއާމަލާތުކުރުމުގެ މައްސަލަތައް ހިމެނެއެވެ.

މިކަމަށް އަލިއަޅުވާލައި އެމެރިކާގެ އާކޭންސަސްގެ މެރިއެޖް އެންޑް ފެމިލީ ތެރަޕިސްޓް ބެކީ ވެޓްސްޓޯން ފާހަގަކުރިގޮތުގައި ދެމަފިރިންގެ މައްސަލަތައް ހައްލުކުރުމުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ މުއާމަލާތުކުރުމުގައި އަރާފައި ހުންނަ އޮޅުންތަކެވެ. އެކަކު ބުނިކަމަށް ހީކޮށްގެން ހުންނަ ވާހަކަ އަނެކާއަށް ގޯސްކޮށް ފަހުމުވުން މިއީ ދޭދޭ ގުޅުންތައް ކެނޑުމުގެ ފަހަތުގައި އޮންނަ އެންމެ ބޮޑު ސަބަބުކަމަށް އޭނާ ބުނެއެވެ. މިލިޔުމުގައި މި ބަލައިލަނީ ވެޓްސްޓޯން އާއި އަދިވެސް މިފަދަ ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި ގުޅުންތައް ހީނަރުވުމަށް މަގުފަހިކުރުވާ ޖުމުލަ ނުވަތަ ބައެއް ލަފުޒުތަކެވެ.

1 "އެއީ ދެން އެވަރު ކަމެއް ނޫނެއްނު"

މިކަހަލަ ބަސްތައް ގިނަ ފަހަރަށް ބައިވެރިޔާއަށް ރައްދުކުރަނީ ހެޔޮ އެދޭތީއެވެ. އޭނާއަށް ކުރިމަތިވެފައިވާ ބޮޑު ކަމަކުން އަރައިގަނެ އާ ހިތްވަރަކާއެކު ކުރިއަށް ދިއުމަށް މިގޮތަށް މުހާތަބުކުރަނީ ގިނަފަހަރަށް ހިތްވަރު ލައިދިނުމުގެ ނިޔަތުގައެވެ. ނަމަވެސް ބައިވެރިޔާ ތަހައްމަލުކުރަމުން އަންނަ ކަމެއްގެ ގޮތުން އެފަދަ ޖުމުލަތަކުން ގޯސް ނަތީޖާއެއްވެސް ނުކުމެދާނެއެވެ. ބައެއް ހާލަތްތަކުގައި ބޮޑު ކަމެއްގެ ވާހަކަ ހިއްސާކުރުމާއެކު މިފަދަ ބަސްތައް އަޑު އިވުމުން އޭނާއަށް އެވާހަކަ ދެއްކުނު މޮޔަ ހިތަށް އަރާ ފަހަރުވެސް އާދެއެވެ.

އޭގެ ބަދަލުގައި މިވަގުތު ތިޔަ ތަހައްމަލު ކުރަނީ ދަތި ދުވަސްތަކެއް ކަމާއި އެ ކަމުން އޭނާއަށް ވަރަށް އަސަރުކުރާކަން އިހުސާސުކުރެވޭ ކަމަށް ބުނެވިދާނެއެވެ. އަދި އެ ކަމުން އަރައިގަތުމުގައި އޭނާއާއެކުގައި އަބަދުވެސް ވާނެކަމަށް ބުނުން ފަދަ ޖުމުލަތަކުން ބައިވެރިޔާއަށް އާ ހިތްވަރެއް ލިބިގެންދާނެއެވެ.

2- "ތިބާ އެކޭ ބައްޕައެކޭ ތަފާތެއް ނެތެއްނު!''

......ނޫނީ މަންމަ، ދައްތަ، ކޮއްކޮ، ބޭބެ....މިއިން ކޮންމެ މީހަކާ ވެސް އެއްވަރު ކުރުމަކީ އޭގެން ދެބަސްވުމަށް މަގުފަހިވާން ހުޅުވައިލެވޭ ދޮރެކެވެ. އަމުދުން ޖެހޭ މައްސަލަތަކާ ގުޅުވައިގެން އާއިލާގެ މެންބަރެއްގެ އެފަދަ ސިފަ ތަކާ ގުޅުވުމެވެ. އެ ހާލަތުގައި ބައިވެރިޔާގެ އަމަލުތައް ހުރީ ތިޔަ އެއްވަރުކުރާ އާއިލާ މީހެކޭ އެއްގޮތަށް ނަމަވެސް އެފަދައިން ބުނުމަކީ ބުއްދިވެރިކަމެއް ނޫނެވެ. އޭރުން ބައިވެރިޔާގެ އާއިލާ މީހުންނާއި ބައިވެރިޔާ ތިޔަ އެއްވަރުކުރެވެނީ ހުންނަ ގޯސް ކަމެއްގައި މިސާލު ޖެހުމުގެ ގޮތުންނެވެ.

ދެމީހުންގެ މަސްލަހަތަށް ދެފަރާތުގެ އާއިލާ މީހުން ނުވައްދައި، ބައިވެރިޔާގެ ކަމުނުދާ ސިފައެއް ހުރިނަމަ ސީދާ އެކަމެއް ސާފުކޮށް ބުނެވިދާނެއެވެ. މިސާލަކަށް ތިބާ މިވެނި ގޮތަކަށް ކަންތައް ކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށް ސީދާ ބުނެވިދާނެއެވެ. ބައިވެރިޔާގެ އާއިލާ އަދި އޭނާއާ ގާތް މީހުންގެ ނަން މިފަދަ ކަންކަމުން އިސްތިސްނާ ކުރާށެވެ.

3- ''އަބަދުވެސް'.... ނޫނީ ''ދުވަހަކުވެސް''

ބައިވެރިޔާއާ ޝަކުވާކުރުމުގެ ގޮތުން މިއީ ގިނަ މީހުންގެ ދޫ ފަރިތަ ލަފުޒެކެވެ. ''އޭނާ މިވެނިކަމެއް ދުވަހަކުވެސް ނުކޮށްދެއޭ'' ނޫނީ ''އެއީ ހަމަ އަބަދުވަސް އޭނާގެ ވައްތަރު'' މިކަހަލަ ޖުމުލަތަކުން ގިނަފަހަރަށް ބައިވެރިޔާގެ އަގުވަޒަން ނުކުރާ ކަމުގެ އިހުސާސު ކުރުވާނެއެވެ.

ވެޓްސްޓޯން ފާހަގަކުރިގޮތުގައި މިހާތަނަށް އޭނާގެ ކައުންސިލިން ދިނުމުގެ ތަޖުރިބާގައި މި ލަފުޒުތައް ބޭނުން ނުކުރާ އެއްވެސް ދެމަފިރިއަކާ ދިމައެއް ނުވެއެވެ. ''ދުވަހަކުވެސް އަޅައެއް ނުލާ'' ''އަބަދުވެސް ފަރުވާކުޑަ'' މިހަކަލަ ލަފުޒުތަކަކީ އަބަދުވެސް އަނެކާއަށް ތުހުމަތުކޮށް ބުނެފައިހުންނަ ވާހަކަތައް ކަމުގައި އޭނާ ބުނެއެވެ. މުއާމަލާތުކޮށްގެން ހައްލު ހޯދަން ބޭނުންވާ ނަމަ، މިކަހަލަ ބަސްތައް ބުނުމުން ދުރުވާން ޖެހެއެވެ. ސަބަބަކީ އެޅުވޭ އެފަދަ ތުހުމަތެއްގެ ސަބަބުން ބައިވެރިޔާ އަކީ އަޅާލައި އޯގާތެރި މީހެއްކަން ސާބިތުކޮށްދިނުމަށް އޭނާ އިތުރަށް މަސައްކަތް ކުރަން މިކަމުން ފޫހިވުމަކީ އެކަށީގެންވާ ކަމެކެވެ.

ދުވަހަކުވެސް އެކަމެއް ނުކޮށްދެއޭ ނޫނީ އަބަދުވެސް ކަންތައް ހުންނަނީ މިހެންނޭ ބުނުމުގެ ބަދަލުގައި ދެމީހުން ކަންކަން ރަނގަޅުކުރާނެ ގޮތުގެ ވާހަކަތައް މަޝްވަރާކުރާށެވެ.

4- ''ކީއްތަވާނީ މަ ބުނާގޮތަށް އެންމެ ފަހަރަކުވެސް ހެދިއްޔާ''

ބައިވެރިޔާ ގާތުގައި ކުރަން ބުނާކަމެއް ގޯސްކޮށް ކުރުމުން ހިތްހަމަ ނުޖެހުމަކީ މައްސަލައެއް ނޫނެވެ. އެއީ ތަބީއީ ކަމެކެވެ. ނަމަވެސް އެކަމަށް ފާޑުކިޔައި ހެދުމަކީ އެންމެ ރަނގަޅު ހައްލުކަމުގައި ނުވެދާނެއެވެ. ނުވަތަ އެންމެ ރަނގޅު ގޮތް އެނގެނީ ތިބާއަށް ކަމަށް ބުނުމަކީ އަނެކާގެ ހިތްވަރު އެލިގެންދާނެކަމަކަށް ނޫނީ ނުވާނެއެވެ.

އޭގެ ބަދަލުގައި ކަންތައް ކުރަންވީ ރަނގަޅު ގޮތް ބުނެދެވިދާނެއެވެ. ތިބާ ބުނާހެން ހަދާށޭ ނުވަތަ '....ބުނިގޮތަށް ހެދިނަމަ ނޫންހޭ'' ފަދަ ޖުމުލަތައް ބޭނުންކުރުމުން އެއްކިބާވާށެވެ.

5- ''މަށަށް ދެން ވަރިހަމަ''

ކަންތައްތައް ބޮއްސުންލައިގެން ދާ ކޮންމެ ފަހަރަކު ''ވަރިހަމަ'' ނުވަތަ ''ދެން ފުދިއްޖެ'' ފަދަ ލަފުޒުތައް ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ގުޅުމެއް ދަމަހައްޓަން ބޭނުންވާ ނަމަ މިކަހަލަ ޖުމުލަތަކުން އެއްކިބާ ވާށެވެ. ސަބަބަކީ އެފަދަ ބަސްތަކުން އަނެކާއަށް އެ ދެވެނީ ދެން އިތުރަށް މަޝްވަރާ ކުރާނެ ޖާގައެއް ނެތްކަމުގެ ސިގުނަލެކެވެ. ގިނަ ފަހަރަށް ވާހަކަ ދައްކައިގެން ހައްލުކުރެވެން ހުންނަ ކަންކަން މިކަހަލަ ލަފުޒުތަކުގެ ސަބަބުން މަޑުޖެހި ގުޅުންތައް ކެނޑެން މެދުވެރިވެފައި އެބަހުއްޓެވެ.

އޭގެ ބަދަލުގައި ރުޅި އަންނަ ކޮންމެ ފަހަރަކު އެކަހެރި ވެލައި ހަމަޖެހިލަން އަމިއްލައަށް ވަގުތުކޮޅެއް ހުސްކޮށްލާށެވެ. ގިނަފަހަރަށް މިފަދަ ލަފުޒުތައް ބޭނުން ކުރެވެނީ ގަދައަށް ރުޅިއައިސްފައި ހުންނަ ވަގުތުތަކުގައެވެ. ސިކުނޑި ހަމަޖެހިލަން ވަގުތު ދިނުމަށްފަހު މަޝްވަރާކޮށްގެން ހައްލު ހޯދަން މަސައްކަތް ކުރާށެވެ.

6- ''އެއީ ދެން ރޯވަރު ކަމެއް ތަ؟''

އަނެކާގެ އިހުސާސުތަކަށް އިހުތިރާމު ކުރާށެވެ. ކަމަކާ ބައިވެރިޔާ މާބޮޑަށް ފިކުރުން ނުވަތަ ކަމަކާއި މާޔޫސްވެ ރޮވޭ ނަމަ މިކަހަލަ ބަސްތައް ނުބުނާށެވެ. ''މާ ބޮޑަށޭ ތ ދެރަވަނީ.. ރޮނީ... ވިސްނަނީ....'' ފަދަ ޖުމުލަތައް ބޭނުން ކުރުމުން އޭނާގެ އިހުސާސުތަކަށް ތިބާ އެއްވެސް ގަދަރެއް ނުކުރާކަމަށް ބައިވެރިޔާއަށް ވިސްނިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

މިސާލަކަށް ކަމަކާ އޭނާ މާބޮޑަށް ފިކުރުބޮޑުވެގެން އުޅޭ ނަމަ، ނުވަތަ ބިރުން އުޅޭނަމަ އެފަދަ ބަސްތައް ބުނުމުގެ ބަދަލުގައި ބައިވެރިޔާއަށް ހިތްވަރު ދޭށެވެ. ބައިވެރިޔާ މާބޮޑަށް އެކަމަކާ މެދު ކަންތައް ބޮޑުވާހެން ހީވިނަމަވެސް، މިފަދަ ބަސްތައް ބޭނުން ކުރުމަކީ ބުއްދިވެރިކަމެއް ނޫންކަމަށް ތަޖުރިބާކާރުން ބުނެއެވެ.

7- ''މަ ދެން ނެތިން އެއްޗެކޭ ބުނަން''

ވާހަކަ ދައްކައިގެން ހައްލު ހޯދޭނެހެން ހީ ނުވާނަމަ އެއްވެސް އެއްޗެއް ނުބުނުމަކީ ހައްލުކަމުގައި ބައެއް މީހުން ހީކުރެއެވެ. މިއީ ގޯސް ވިސްނުމެކެވެ. ކަންކަމުގައި މަޝްވަރާ ނުކޮށް ''ހަނު'' ހުރުމަކީ އޭގެން މާ ބޮޑެތި ގެއްލުންތަކަށް ހުޅުވޭ ދޮރެކެވެ. ގުޅުންތައް ވަރުގަދަ ވުމުގެ ފަހަތުގައި އަބަދުވެސް މުހިއްމު ކަމަކީ މަޝްވަރާކޮށްގެން ހައްލު ހޯދުމެވެ. ޝަކުވާތައް އަޑު އަހައި ހައްލު ހޯދުމަށް މަސައްކަތް ނުކުރާ ނަމަ އެ ގުޅުމެއް ހިތްހަމަ ޖެހިގެން ދެމެހެއްޓޭނެ ގޮތެއް ނޯންނާނެއެވެ. ވާހަކަ ދައްކާ ޝަކުވާތައް އަޑު އަހާށެވެ. މައްސަލަ ޖެހޭ ކޮންމެ ފަހަރަކު ދެން އިތުރަށް ވާހަކަ ދައްކަން ބޭނުން ނޫން ކަމަށް ބުނެ ''ސައިލެންޓް ޓްރީޓްމަންޓް'' ދިނުމަކީ ބައިވެރިޔާއަށް ދެވޭ ބޮޑު ސަޒާއަކަށް ނޫނީ ނުވާނެއެވެ.